ސަރުކާރާ ދެކޮޅަށް އަންނަ މަހުގެ 21ގައި ބޮޑު މުޒާހަރާއެއް ބާއްވަން އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މި މުޒާހަރާއަކީ ދިވެހިންގެ މިނިވަންކަން އަލުން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ބާއްވާ މުޒާހަރާއެއް ކަމަށާއި އަދި މި ހަރަކާތަކީ ގައުމުގައި މިހާރު މިއޮތް "ޚުދުމުހުތާރު" ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
އެހެންކަމުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، އިސްލާހަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ހުރިހާ މެންބަރުން މި ހަރަކާތުގައި ބައިވެރިވުމަށް މައުރޫފް ގޮވާލެއްވި އެވެ.
މި އެއްވުން ބާއްވާނެ ވަގުތާއި ސަރަހައްދު ފަދަ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުންދާނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލުކުރަން ކޯޓަށް ހުށަހަޅަން ވެސް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.
ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ބާއްވާނީ ލޯކަލް ކައުންސިލް އިންތިހާބާ އެކީ އޭޕްރިލް 4 ގަ އެވެ.