ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ހެޔޮ ބަދަލެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
އެކްސްގައި ކުރި ޕޯސްޓުގައި ޝަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއް ކަމަށާއި މިއީ ދުނިޔޭގެ ތަހުޒީބު ބައެއް ޤައުމުތަކުގައި ވެސް އަމަލުކުރެވެމުންދާ އުޞޫލެއް ކަމަށެވެ. ވެރިކަމުގެ ނިޒާމުގެ ހަމަޖެހުމާއި ތަރައްޤީއާއި ސިޔާސީ ނިޒާމުގެ މަޞްލަޙަތުގެ ނަޒަރުން ބެލިޔަސް މިއީ ރަނގަޅު ނިންމުމެއްކަމުގައި ދެކޭކަން ހާމަކުރައްވައި ޝަހީމް ވަނީ ދެ އިންތިޚާބު އެއްކޮށްލުމުގެ ވިސްނުމާއެކު ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުންނަށް ގޮވާލާފަ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލުކުރަން ކޯޓަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީން ވަނީ ނިންމައިފަ އެވެ. އަދި އެކަމާ ދެކޮޅަށް އަންނަ މަހުގެ 21 ގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.