Last Updated: June 7, 22:00
Sunday, June 7, 2026
ކުޅިވަރު

ބޯޑޯ އިން އިންޓަ ކަޓުވާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގައި ރޭ އިންޓަ މިލާން 2-1 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު ނޯވޭގެ ބޯޑޯ ގްލިމްޓް އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

އިންޓަގެ މައްޗަށް ދެ ލެގަށް ބަލާއިރު ބޯޑޯ އިން ކުރިހޯދީ 5-2 އިންނެވެ. ބޯޑޯ އަކީ ފާއިތުވި 38 އަހަރުގެ ތެރޭގައި ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުުގައި ކުޅޭނެ ނޯވޭގެ ފުރަތަމަ ޓީމެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 58 ވަނަ މިނެޓްގައި ޔެންސް ޕީޓާ ހޭގް ވަނީ ބޯޑޯއަށް ލީޑު ނަގައިދީފަ އެވެ. މިއީ އިންޓަގެ ޑިފެންޑަރު މަނުއަލް އަކަންޖީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 72 ވަނަ މިނެޓްގައި ހަކޮން އެވެން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މި މެޗުގައި އިންޓަގެ ހަމައެކަނި ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އެލެސެންޑްރޯ ބަސްޓޯނީ އެވެ.

ބޯޑޯ އިން ގަދަ 16 ބުރުގައި ކުޅޭނީ މެންޗެސްޓާ ސިޓީ ނޫނީ ސްޕޯޓިން ލިޒްބަންއާ އެވެ.