Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

ރޯދަ މަހަކީ އުފާވެރިކަމުގެ މަހެއް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ރޯދަ މަހަކީ އުފާވެރިކަމުގެ މަހެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން ފައުންޑޭޝަންގެ އިހްޔާ ޕްރޮގްރާމުގެ ފުރަތަމަ ޖަލްސާގައި ވާހަކަދައްކަމުން މައުމޫން ވިދާޅުވީ ރޯދަ މަހަކީ އުފާވެރިކަމުގެ މަހަކަށް ވަނީ އެމަހުގެ ތެރޭގައި ހިފާ ރޯދަ އާއި ކުރާ އަޅުކަމުގެ ސަބަބުން ހިތްތަކުގައި އޮންނަ ތަގުވާވެރިކަން އިތުރުވެ އަދި އޭގެ ސަބަބުން މި ދުނިޔެ އާއި އާހިރަތުގައި އިތުރު އުފަލާއި ބާއްޖަވެރިކަން ލިބޭތީ ކަމަށެވެ.

ރޯދަ މަހަކީ މާތްﷲ ތަނަވަސްކޮށްދެއްވާ އިސްލާހުވުމުގެ ވަރަށް މަތިވެރި ފުރުސަތެއް ކަމަށާއި މިފަދަ ފުރުސަތުތަކަކީ އަބަދު ލިބޭނެ ފުރުސަތެއް ނޫންކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި މުސްލިމުން ކުރަނީ ވަރަށް މާތް ރޫހާނީ ދަތުރެއް ކަމަށެވެ. އެ ދަތުރުގެ ނަތީޖާއަކީ ތަގުވާވެރިވުން ކަމަށާއި ތަގުވާއަކީ މާތްﷲ އެންމެ ރުއްސަވާ ވޮޑިގެންވާ ސިފަ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތުގެ މޭވާއަކީ ތަގުވާވެރިކަން. ތަގުވާވެރި ކަމަކީ މާތްﷲ އަށް ބިރުވެތިވެ، އެކަނލާގެ ރަސްކަންފުޅު އަބަދުވެސް ހިތުގައި ބާއްވާ، އެކަނލާގެ އެންގެވި ގޮތަށް ކަންތައް ކުރަމުން ގެންދިޔުން،" މައުމޫން ވިދާޅުވި އެވެ.

މީގެއިތުރުން ތަގުވާވެރިންނަށް ގިޔާމަތްދުވަހުން ލިބެންހުރި ސަވާބާއި ނިޢުމަތްތަކުގެ ވާހަކަ ޤުރުޢާނުގައި ބަޔާންކޮށްފައިވާ ކަމަށާއި މިއީ އުފަންކުރަންޖެހޭ ކަމެއް ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.