Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު މަރުވެއްޖެ

މާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

ރޭ ދަންވަރު ހިނގި އެކްސިޑެންޓްގައި މަރުވެފައި ވަނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. ބޮޑުތަކުރުފާނު މަގު، ސިނަމާލެ ބްރިޖް ކައިރިން ސައިކަލް ކޮމްޓްރޯލް ނުވެ ދުވާރު މައްޗަަށް އަރައި ދަންވަރު 1:39 އެހާކަށްހާ އިރު ހިނގި އެކްސިޑެންޓްގައި މަރުވި ކުއްޖާ އަކީ ސައިކަލެއްގެ ފަހަތުގައި އިން ކުއްޖެކެވެ.

ފުލުހުން ބުނީ އެ ކުއްޖާ މަރުވީ އެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދަނިކޮށް ކަމަށެވެ. މަރުވި ކުއްޖާ އަކީ ބ. ދަރަވަންދު އަށް ނިސްބަތްވާ މުހައްމަދު ނިހާނު ނާޒިމެވެ.

އޭނަގެ ޖަނާޒާ މިއަދު އަސްރު ނަމާދަށް ފަހު އޮންނާނީ އާސަރާ މިސްކިތުގަ އެވެ.

އެ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ޒުވާނެކެވެ. އޭނަ އަށް ވެސް އަނިޔާވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެވެމުންނެވެ. ފުލުހުން ބުނީ އޭނަގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ.