ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ގޮންޖެހުންތަކާ އެކު ވެސް ވަރަށް ޒިންމާދާރުވެރިކަމާ އެކު ކަމަށް ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވެއްޖެ އެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދިފާއީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ބާރުވެރިކުރުމަށާއި، އަންހެން މުވައްޒަފުންގެ ލީޑަޝިޕް ގާބިލުކަން އިތުރުކުރުމަށް ހަރަކާތްތެރިވާނެ މުވައްޒަފުން މެންޓަސްގެ ގޮތުގައި ބިނާކުރުމަށް ކުރިއަށް ގެންދިޔަ "ޓްރެއިނިން ފޯ ވިމެން މެންޓާސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ ޔުނީފޯމް އެޅި މުއައްސަސާތަކައް ބަލާއިރު އަންހެން މުވައްޒަފުން، މުޖުތަމައުގައި ކުށްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުން ފެށިގެން ގޮސް ޓްރެފިކް ބެލެހެއްޓުމަށާއި ބޯޑަރުގައި މުދާ ބަލައި ފާސް ކުރުމުގައި ވެސް އަންހެން މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މީގެ އިތުރަށް ރާއްޖެ އަންނަ ފަސިންޖަރުންގެ ކަންކަން ބެލެހެއްޓުމާއި، ޖަލުތަކުގައި ގައިދީންނާ ގުޅުން ހުރި ކަންކަން ބެލެހެއްޓުން ފަދަ މުޖުތަމައުއަށް ބޭނުންތެރި އަދި ގޮންޖެހުންތައް ގިނަ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ވެސް އަންހެން މުވައްޒަފުން ހަރަކާތްތެރި ވަނީ ޒިންމާދާރުކަމާއެކުގައި ކަމަށް ދިޔާނާ ވިދާޅުވި އެވެ.
"އަދި މިފަދަ ތަމްރީންތަކުގެ ޒަރިއްޔާއިން މުއައްސަސާތަކުގައި އަންހެން ލީޑަރުން އުފެދޭ މިންވަރު އިތުރުވެ، ގާނޫނު ތަންފީޒުކުރުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ދިމާވާ ގޮންޖެހުން ތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އަންހެން އޮފިސަރުންނަށް ހާއްސަކުރެވިގެން މިފަދަ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ މުހިންމު ކަމެއް." އޭނަ ވިދާޅުވި އެވެ.
މި މަހުގެ 8-12 އަށް ކުރިއަށް ގެންދިޔަ "ޓްރެއިނިން ފޯ ވިމެން މެންޓާސް" ޕްރޮގްރާމްގައި ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސް އާއި އިމިގްރޭޝަނާއި، ކަރެކްޝަނަލް ސާވިސްގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އަންހެން މުވައްޒަފުން ހިމެނޭހެން 24 މުވައްޒަކު ބައިވެރިވި އެވެ.
އެ ޕްރޮގްރާމަކީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މާލޭ ކެންޕަސް ހިންގި ޕްރޮގްރާމެކެވެ. އޭގައި އަންހެން ލީޑަޝިޕްގެ މުހިންމުކަމާއި އަންހެނުންނަށް ވެސް އެކި ދާއިރާތަކުން ކުރިއަރައިގެން ގޮސް އެ މަސައްކަތް ކުރަމުން އަންނަ މުއައްސަސާއެއް ނުވަތަ މުޖުތަމައުއަކަށް ރަނގަޅު ހިދުމަތްތަކެއް ކުރެވޭނެކަން އަންގައިދީފައި ވެއެވެ. އަދި ލީޑަޝިޕް ޑައިވަރސިޓީ އެންޑް އިންކުލޫޝަންގެ މުހިންމުކަން އުނގަންނައިދީ އެކި ބާވަތުގެ މީހުންނަށް ފުރުސަތުދީ، ވިސްނުމާއި ހުނަރުގެ ބޭނުންކޮށްގެން ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ގޮތްތައް ކިޔައި ދީފައިވެ އެވެ.