Last Updated: June 5, 19:20
Friday, June 5, 2026
މުނިފޫހިފިލުވުން

ޕްރިޔަ މަނީ ވެސް 'ގޯލްމާލް 5' އަށް

ޑައިރެކްޓަރު ރޯހިތު ޝެޓީގެ 'ގޯލްމާލް' ފްރެންޗައިޒްގެ ފަސް ވަނަ ބައިގެ ކާސްޓަށް ބަތަލާ ޕްރިޔަ މަނީ ވެސް އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަދުމަދުން ބޮލީވުޑްގެ ފިލްމުތަކުން ފެންނަ ދެކުނުގެ ބަތަލާ މީގެ ކުރިން ވެސް ރޯހިތުގެ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންއާ އެކު ގެނެސްދިން 2013 ގެ 'ޗެންނައި އެކްސްޕްރެސް' ގަ އެވެ. އޭގައި ޕްރިމަނީ ކުޅެފައި ވަނީ އައިޓަމް ލަވައެކެވެ.

'ގޯލްމާލް 5' ގެ ކާސްޓަށް ޕްރިޔަ މަނީ ނަގާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި މި ވަނީ މީގެ ކާސްޓްގައި ކަރީނާ ކަޕޫރް ވެސް ހިމެނޭކަމުގެ އަޑުތަކެއް އަރާފައިވެ އެވެ. އަދި މީގެ ރޯލަކުން ސާރާ އަލީ ފެންނާނެކަމުގެ ވާހަކަތަކެއް ވެސް ކުރިން ދެކެވިފައިވެ އެވެ.

'ގޯލްމާލް 5' ގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު މީގެ މައިގަނޑު ކާސްޓުންނަކީ އަޖޭ ދޭވްގަނާއި އަރުޝަދު ވަރްސީ އާއި ތުޝާރް ކަޕޫރާއި ޝްރެޔަސް ތަލްޕަޅޭ ހިމެނެ އެވެ. އަދި "ގޯލްމާލް" ގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރުން ކަމަށްވާ ކުނާލް ކޭމޫ އާއި ޝަރުމަން ޖޯޝީ ވެސް އާ ބައިގައި ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން 'ގޯލްމާލް 5' ގައި ވިލަންއެއްގެ ރޯލުން އަކްޝޭ ކުމާރު ފެންނާނެ ކަމަށް ވެސް އަޑުއަރާފައިވެ އެވެ.

މީގެ ކާސްޓާ ޕްރިޔަ މަނީ ގުޅުނު އިރު، އޭނަ ކުރިން އަޖޭއާ އެކު ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ 2024 ގެ ފިލްމު 'މައިދާން' އެވެ.