ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވަން މި ސަރުކާރުން ބޭނުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ނޫން ކަމަށާއި، އެކަމުގެ ނިޔަތަކީ މުޅި ދައުލަތް ބޭނުންކޮށްގެން ވޯޓަށް ނުފޫޒު ފޯރުވައިގެން ވެރިކަމާއި ރައްޔިތުންގެ މަޖިލީސް އެއް ފަހަރާ ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން (އައްދު) ވިދާޅުވެއްޖެ އެވެ.
އަމިއްލަ މެންބަރެއްގައި މަޖިލީހުގައި ހުންނެވި އައްދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ އަސްލު ނިޔަތަކީ ބޮޑު ދެ އިންތިހާބު އެއްކޮށް ބާއްވައިގެން ދައުލަތުން 80 މިލިއަން ރުފިޔާ ސަލާމަތް ކުރުން ނޫން ކަމަށެވެ.
"ނިޔަތަކީ ދައުލަތަށް އަށްޑިހަ މިލިއަން ސަލާމަތް ކުރުމެއް ނޫން. ނިޔަތަކީ ދެ އިންތިހާބު އެއްކޮށް ޕާޓީއަށް ހަރަދު ކުޑަކޮށް މުޅި ދައުލަތް، ވޯޓަށް ނުފޫޒު ފޯރުވަން އަރިކޮށް އޮއްސުން." އޭނަ ވިދާޅުވި އެވެ.
އައްދު ވިދާޅުވީ ސަރުކާރުން ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކޮށް، ފަސް އަހަރުން އެއްފަހަރު ފެނަކަ އާއި ވެމްކޯ ފަދަ ކުންފުނިތަކުން ވަޒީފާ ބަހައިގެންނާއި ފައިސާ ދީގެން ރައްޔިތުންގެ ވޯޓު ގަންނަން ރާވަމުންދާ ކަމަށެވެ. އަދި އެފަދަ ނީލަމެއްގައި ތިބޭ މީހުންގެ ވޯޓުން އެއްފަހަރާ ވެރިކަމާއި މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް ވިދާޅުވި އެވެ.
އެހެންވެ ސުވާލަކީ ސަރުކާރަށް ދެ އިންތިހާބު އެއްކޮށްލައިގެން މިފަދަ ފުރުސަތެއް ދޭން ރައްޔިތުންނަށް ފެނޭތޯ ނޫންތޯ ކަމަސް އައްދު ވިދާޅުވި އެވެ. އަދި "އަޅުގަނޑުމެން ހަމަހިލާ މިކަން މިހެން ވިޔަދީގެން ނުވާނެ" ކަމަށް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ނޫންތޯ ބަލަން ނަގާ ވޯޓް އޮންނާނީ އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކީގަ އެވެ.