ތައިލޭންޑްގެ އެނިމަލް ޕާކްތަކަކުން ގިނަ އަދަދެއްގެ މިނިކާވަގުތަކެއް މަރުވި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި ތައިލޭންޑްގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޗިއަންގް މާއީގެ ޓައިގާ ކިންގްގެ ދެ ފެސިލިޓީއަކުން ޖުމްލަ 72 މިނިކާވަގު މަރުވެފައިވެ އެވެ. އެ މިނިކާވަގުޔައް މަރުވި ތަންތަނަކީ އާންމުން ޒިޔާރަތްކޮށް، އޮޅުކޮށްފައިވާ މިނިކާވަގުތަކާ އެކު ހަރަކާތްތެރި ވެެސް ވެވޭ ގޮތަށް ހިންގަމުން އަންނަ ދެ ތަނެވެ.
ދެ ތަނުން ގިނަ އަދަދެއްގެ މިނިކާވަގުތަކެއް މަރުވުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން މިހާރު އަންނަނީ އެކަން ބަލަމުންނެވެ. އެގޮތުން ކަމާބެހޭ ޑިޕާޓްމަންޓުން މަރުވި މިނިކާވަގުތަކުގެ ހަށިގަނޑުން ސާމްޕަލްތަކެއް ނަގާފައިވެ އެވެ. އެ ސާމްޕަލްތައް ޓެސްޓް ކުރުމުން މިނިކާވަގުތައް މަރުވެފައި ކެނައިން ޑިސްޓެމްޕާ ވައިރަސް ފެތުރިގެން ކަމަށް ފާހަގަވެފައިވެ އެވެ. އެ ވައިރަހަކީ އާންމުކޮށް ކުއްތާތަކުގެ މެދުގައި ފެތުރޭ ވައިރެހެކެވެ. އޭގެ ސަބަބުން ނޭވާލުމުގެ ނިޒާމަށާއި ހަޖަމު ކުރުމުގެ ނިޒާމުގެ އިތުރުން ނާރުތަކަަށް ވެސް ގެއްލުންވެ އެވެ.
އެހެންވެ އެ ވައިރަސް މިނިކާވަގުންގެ މެދުގައި ފެތުރެން ދިމާވި ސަބަބުން ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ވައިރަސް އިތުރަށް ފެތުރެމުން ނުދާ ކަމަށާއި އޭގެ ގެއްލުމެއް އިންސާނުންނަށް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.
ޗިއަންގް މާއީގެ ޓައިގާ ކިންގްޑަމްގެ ދެ ފެސިލިޓީގައި 240 އަށް ވުރެ ގިނަ މިނިކާވަގު ގެންގުޅެ އެވެ.