ޓަކާ ކާލްސަން އަކީ އެމެރިކާގެ ނޫސްވެރިކަމާއި ސިޔާސީ މަސްރަޙުގައި ނުފޫޒުގަދަ ޝަޚުޞިއްޔަތެކެވެ. އޭނާ މަޝްހޫރުވެގެން ދިޔައީ ފޮކްސް ނިއުސްގެ "ޓަކަރ ކާލްސަން ޓުނައިޓް" ޕްރޮގްރާމް ހުށަހެޅުގެ ތެރެއިންނެވެ.
އޭނާ ފޮކްސް ނިއުސް އިން ކެނޑުމަށް ފަހު ސޯޝަލް މީޑިއާގައި މިހާރު ހުށަހަޅާ ޝޯތައް އެތައް މިލިޔަން ބަޔަކު ބަލައެވެ. ޓަކާ އަކީ އެމެރިކާގެ "އޯލްޓަނޭޓިވް މީޑިއާ" ނުވަތަ މިނިވަން ނޫސްވެރިކަމުގެ އެންމެ ވަރުގަދަ އަޑެވެ. އޭނަ ފަދަ ނުފޫޒުގަދަ މީހަކު އިސްރާއީލާއި އަދި އެމެރިކާގެ ސިޔާސަތު ތަކާއި ދެކޮޅުވުމަކީ ޒަޔަނިސްޓުންނަށް ކުރިމަތި ވެފައިވާ ބޮލުގައި ރިހުމެކެވެ.
ޓަކަރ ކާލްސަން އަކީ ކޮންސަރވޭޓިވް ކްރިސްޓިއަނެކެވެ. "ކޮންސަވޭޓިވުންނޭ" ކިޔެނީ ގައުމުގެ ދީނާއި، ސަގާފަތާއި، އަމިއްލަ ވަންތަ ކަމާއި ގަދީމީ މުހިންމު ބަހާތައް ގެއްލިގެން ދިޔަނުދީ ދެމެހެއްޓުމަށް ވަކާލާތު ކުރާ މީހުންނަށެވެ.
ފަހަކަށް އައިސް ޓަކާ ވަނީ އެމެރިކާގެ ސަރުކާރާއި ސިޔާސަތުތަކުގެ މައްޗަށް އިސްރާއީލުން ފޯރުވަމުންދާ ނުފޫޒާ ބެހޭ ގޮތުން ވާހަކަ ދައްކަން ފަށާފަ އެވެ. އޭނާ ބުނާ ގޮތުގައި، އެމެރިކާގެ ސިޔާސީވެރިން އެމެރިކާގެ ރައްޔިތުންގެ މަސްލަޙަތަށްވުރެ އިސްރާއީލުގެ މަސްލަޙަތު އިސްކުރެއެވެ. ޚާއްޞަކޮށް މެދުއިރުމަތީގެ ހަނގުރާމަތަކަށް އެމެރިކާގެ ފައިސާ އާއި ހަތިޔާރު ހޭދަ ކުރަމުންދާ ދިއުމަކީ އެމެރިކާ ބަލިކަށިވަމުންދާ އެއް ސަބަބު ކަމަށާއި މިކަންތަކާއިމެދު ހޭއެރުމަށް އެމެރިކާގެ ރައްޔިތުންނަށް އޭނާ ގޮވާލަމުން ދެއެވެ.
ސެޕްޓެމްބަރު 11، 2001 ގެ ޙަމަލާއާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުން ނެރެފައިވާ ރަސްމީ ރިޕޯޓުތަކާއި މެދު ވެސް ޓަކާ ވަނީ ސުވާލު އުފައްދާފަ އެވެ. އޭނާ ބުނާ ގޮތުގައި އެ ޙާދިސާގެ ފުރިހަމަ ޙަގީގަތް ރައްޔިތުންނަށް ހާމަކޮށްދީފައެއް ނުވެއެވެ. ވަކިން ޚާއްޞަކޮށް ޓްވިންޓަވަރު ސަރަޙައްދުގައި ހުރި"ބިލްޑިން 7" ވެއްޓުނު ގޮތާއި، އެކަމުގައި އެހެން ބާރުތަކެއްގެ އަތެއްވޭތޯ ބެލުމަށް އޭނާ ވަނީ ވަކާލާތުކޮށްފަ އެވެ.
ޓަކާ ކާލްސަން އަކީ "ކްރިސްޓިއަން ޒަޔަނިޒަމް" އާ ދެކޮޅު މީހެކެވެ. އޭނާ ދެކޭގޮތުގައި އެމެރިކާގެ ކްރިސްޓިއަނުން އަނިޔާވެރި ޔަހޫދީ ޒަޔަނިސްޓުންނަށް ތާއީދުކޮށް އެހީތެރި ވުމަކީ ކްރިސްޓިއަން ދީނުގެ އަސާސް ތަކާއިވެސް ފުށުއަރާ ކަމެކެވެ. ޓަކަރ ބުނާ ގޮތުގައި އެމެރިކާގެ އެތައް މިލިއަން ރައްޔިތުންނެއް ފަގީރުކަމާއި، މަސްތުވާތަކެތީގެ ވަބާގައްޔާއި، ބޯހިޔާވަހިކަމެއް ނެތި އުޅެމުންދާއިރު، ކްރިސްޓިއަން ފައްޅިތަކުން އެމީހުންނަށް އެހީވުމުގެ ބަދަލުގައި އިސްރާއީލަށް ފައިސާ ފޮނުވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ޚާއްޞަކޮށް އިސްރާއީލުގެ ސަރުކާރުން ފަލަސްޠީނުގެ ކްރިސްޓިއަނުންނަށް ކުރަމުންދާ އަނިޔާތަކާއި، އެމީހުންގެ ފައްޅިތައް ހަލާކުކުރަމުންދާއިރު، އެމެރިކާގެ ކްރިސްޓިއަން ފައްޅިތަކުން އިސްރާއީލަށް ފައިސާ އެއްކުރުމަކީ އޭނާ ސިފަކުރާ ގޮތުގައި "ބޮޑުވެގެންވާ ޚިޔާނާތެކެވެ."
ޣައްޒާ ގެ ގަތުލު ޢާންމަށް އޭނާ ފާޅުގައި ދެކޮޅު ހަދައެވެ. އަދި ޓްރަމްޕް އީރާނަށް ދޭން އުޅޭ ޙަމަލާއާ ވެސް އޭނާ ދެކޮޅެވެ.
އިސްރާއީލު މީހުން އޭނާ ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާޔަކީ މިހާރު ހުޅަނގުގެ ދުނިޔޭގައި ހުރި "އެންޓި ސެމެޓިކް" ("ޔަހޫދީންނާއި ދެކޮޅު") އެއްވަނަ ނަމްބަރު މީހާގެ ލަގަބު އެމީހުން ވަނީ ދީފައެވެ. ނަމަވެސް ޓަކަރ ބުނަނީ އޭނާޔަކީ ޔަހޫދީން ދެކެ ރުޅިއަރާ މީހެއް ނޫން ކަމަށާއި އޭނާ އިދިކޮޅު ވަނީ އިސްރާއީލާއި ކަމަށެވެ.
ދާދި ފަހުން އޭނާ އިސްރާއީލަށް ދިޔައެވެ. އިސްރާއީލުން އޭނާ އެތަނަށް ދިއުމުގެ ހުއްދަ ނުދޭންވެސް ވަރަށް އުޅުނެވެ. މި ދަތުރުގައި އޭނާ އިސްރާއީލުގެ ބާރުގެ ދަށުގައި ތިބި ނަޞާރާ އިންނާއި އިންޓަރވިއު ކުރިއެވެ. އަދި އެމެރިކާއިން އިސްރާއީލަށް ފޮނުވާފައި ހުންނަ އެމްބެސެޑަރު މައިކް ހަކަބީ އާއި އިންޓަރވިއު ކުރިއެވެ. މި މީހާ އަކީ ޙައްދުން ނެއްޓިފައިވާ ޒަޔަނިސްޓެކެވެ. މި އިންޓަވިއުގައި، އިސްރާއީލުގެ ވަށައިގެން ހުރި ގައުމު ތައް ކަމުގައިވާ މިޞްރާއި، ސަޢޫދީ ޢަރަބިއްޔާއާއި، ޖޯޑަން ފަދަ ގައުމު ތަކުގެ ބިންތައް ހިފައި އިސްރާއީލު ބޮޑު ކުރުމުގެ ވާހަކަ މި ހަކަބީ ދެއްކިއެވެ. މިވާހަކަޔާއި ގުޅިގެން މި ގައުމު ތަކުގެ ޚާރިޖީ ވުޒާރާ ތަކުން ވަރަށްވަރުގަދަ "ބަހުގެ ރައްދެއް" ނެރެން މަޖުބޫރު ވިއެވެ.
ޓަކާ އިސްރާއީލުން ފުރަން އުޅުނު ވަގުތު އެއަރޕޯޓުގައި އެތައް ގަޑިއިރަކު ހިފެހެއްޓިއެވެ.
އޭނާ މިދަތުރާއި ބެހޭ ގޮތުން ލިޔެފައިވާ ތަކެތީގެ ތެރެއިން އަޅުގަނޑު ތަންކޮޅެއް ހިތް ހަމަޖެހުނު އެއްކަމަކީ އިސްރާއީލުގެ މައި އެއަރޕޯޓަކީ ވަރަށް މުޑުދާރު ތަނެއްކަމުގައި އޭނާ ސިފަކޮށްދީފައި ވާތީއެވެ. އެއީ އެފަދަ ނުބައި ނުލަފާ ބަޔަކީ ދުނިޔޭގައިވެސް ގޮނޑު މުޑުދާރު ބައެއް ކަން އެނގުނީމައެވެ.

ޓަކާ ލިޔެފައިވެ އެވެ؛ "އަހަރެމެން ވިލާތުން (ޔޫރަޕުން) އިސްރާއީލަށް ދިޔައީ ވަރަށް ބޮޑު ޚަރަދުކޮށްގެން ފުލައިޓުގައެވެ. އަދި އަހަރެމެން ގޮސް މަޑުކުރީ ބެން ގޫރިއަން އެއާޕޯޓުގެ ޑިޕްލޮމެޓިކް ޓާމިނަލުގައެވެ. އެތަނަކީ ވަރަށް އާދަޔާއި ޚިލާފު ތަނެކެވެ. މުޅި ޢިމާރާތް އޮތީ މުޑުދާރު ކޮށެވެ. ކުޑަދޮރުތައް ހުރީ އިންތިހާއަށް ހަޑިކޮށެވެ. ފާރުތަކުން ހުރީ ކުލަ ވެއްޓިފައެވެ. ބޭރުގައި ކުނި އުކާފައި ހުއްޓެވެ. އަހަރެން މިހާތަނަށް ވަރަށް ގިނަ ޑިޕްލޮމެޓިކް ޓާމިނަލްތަކަށް ގޮސްފައިވާ އިރު، މިހާ ދަށް ފެންވަރުގެ ތަނެއް ދުވަހަކު ވެސް ނުދެކެމެވެ."
ވީމާ ތިމާމެން ވަރުގެ ބައެއް ނެތިގެން މި އުޅޭ މީހުން މުޑުދާރީ ހަމައެކަނި އެތެރެފުށެއް ނޫންކަން ވެސް އެނގިއްޖެއެވެ.
ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.