Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ދެ އިންތިހާބު އެއްކޮށްލާ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެެންނަ ނުފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ގާނޫނާ ހިލާފު ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމުގެ މައްސަލަ އެމްޑީޕީން ހައި ކޯޓަށް މިއަދު ހުށަހަަޅައިފި އެވެ.

އެ ޕާޓީން ކޯޓަށް ހުށަހެޅި ޖުޑީޝަލް ރިވިއުގެ ދައުވާއާ އެކީ، މި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ރެފަރެންޑަމް ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ.

އެމްޑީޕީން ބުނީ ރެފަރެންޑަމް ވޯޓު ނަގަން މުއިއްޒު ނެރުއްވި ގަރާރާއި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގާނޫނަށް ގެނެވުނު ބަދަލު ވެސް ގާނޫނާ ހިލާފު ކަމަށެވެ.

އެހެންވެ ކޯޓަށް ހުށަހެޅި މައްސަލައިގައި، ވަނީ އެ ގަރާރު ގާނޫނާ ހިލާފުވާ ސަބަބަކީ ރައީސް މުއިއްޒުގެ ގަރާރާއެކު ހިމެނި މައުލޫމާތު ކަރުދާހުގައި އެ ބަދަލުތައް ގެންނަން ދައްކާ ހުއްޖަތުތައް ބަޔާންކޮށްފައި ނެތުން ކަމަށެވެ. އަދި އެ މައުލޫމާތު ކަރުދާހުގައި ހުއްޖަތުތައް ގަރާރުގައި ބަޔާންކުރުމަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ލާޒިމުކުރާ ކަމެއް ކަމަށް ވެސް އެ ޕާޓީން ފާހަގަކޮށްފައިވެ އެވެ.

އެމްޑީޕީން ބުނީ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކި ރެފަރެންޑަމް ބާއްވަން ނިންމުން ވެސް ގާނޫނާ ހިލާފެވެ. ސަބަބަކީ ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ ކެމްޕެއިން ކުރުމުގެ ހައްގަށާއި މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިންވަންކަމަށާއި ވޯޓު ދިނުމުގެ ހައްގު އުނިވާކަން ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގާނޫ އަސާސީއާ އެއްގޮތަށް އަމަލު ކުރުމަށާއި، އޭގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަމް ހިމާޔަތްކޮށް، ކުރިއެރުވުމަށް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސްގެ މައްޗަށް ކަނޑައާޅާފައިވާ ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ.

ރެފަރެންޑަންގެ މައްސަލަ އެމްޑީޕީން ކޯޓަށް ހުށަހެޅި އިރު، އެ ޕާޓީން ވަނީ ރެފަރެންޑަމާ ދެކޮޅަށް އަންނަ މަހުގެ 21 ގައި މުޒާހަރާއެއް ވެސް ބާއްވަން ނިންމައިފަ އެވެ.