ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ސިއްހީ ހާލު ގޯސްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
މީޑިއާތަކުން މިއަދު ބުނީ އިއްޔެ 63 އަހަރު ފުރުނު ޑައިރެކްޓަރު އެޑްމިޓްކުރީ މޭގައި ކުއްލިއަކަށް ރިއްސަން ފެށުމާ ގުޅިގެން ކަމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނީ ބަންސާލީ އަށް ހާޓްއެޓޭކެއް ޖެހުނީ ކަމަށެވެ. މިކަން އަދި ކަށަވަރުވެފައި ނުވާ އިރު، ބައެއް މީޑިއާތަކުން ބުނީ ބަންސާލީ އެޑްމިޓްކުރި ވާހަކަ އަކީ ދޮގެއް ކަމަށާއި އޭނަ ހޮސްޕިޓަލަށް ދިޔައީ އާދައިގެ މަތިން ޗެކަޕްތަކެއް ހެދުމަށްޓަކައި ކަމަށެވެ.
އިންޑިއާގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބަންސާލީގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެ، އެޑްމިޓްކޮށް ފަރުވާ ދޭން ފެށި އިރުމ، އޭނަ އަންނަނީ ޑައިރެކްޓްކުރާ 11 ވަނަ ފީޗާ ފިލްމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ކާސްޓްގައި ރަންބީރް ކަޕޫރާއި އޭނަގެ އަންހެނުން އާލިއާ ބަޓާއި ވިކީ ކޯޝަލް ހިމެނޭ 'ލަވް އެންޑް ވޯ' އެވެ.
ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ އާލިއާ އަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު 2022 ގެ ގަންގޫބާއީ ކަތިއަވާޅީ އެވެ. އޭނަ އަކީ 'ހަމް ދިލް ދޭ ޗުކޭ ސަނަމް' އާއި 'ދޭވްދާސް' އާއި 'ބްލެކް' އާއި 'ރާމް-ލީލާ' އާއި 'ބަޖިރާއޯ މަސްތާނީ' އަދި 'ޕަދުމާވަތު' ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ،
ބަންސާލީ އަކީ ނެޓްފްލިކްސް މަގުބޫލު ސީރީޒް 'ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު' ގެ ވެސް ޑައިރެކްޓަރެވެ. އޭނަ އަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު 'ދޯ ދީވާނޭ ޝެހެރް މޭ' ގެ ޕްރޮޑިއުސަރެވެ.