Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އެމްޕީއެލުން 56 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

އަތޮޅު ތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސްތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އެ ރަށްތަކަށް ފޮނުވައިފި އެވެ.

މިނިސްޓްރީ އޮފް ހެލްތުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރާއްޖެއަށް 56 އެމްބިއުލަންސް ގެނައުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.

މި އެމްބިއުލަންސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލްއިން ފެށީ 17 ޖަނަވަރީ 2026 ގައެވެ. އަދި މި މަސައްކަތް އެ ކުންފުނިން އެއްކޮށް ފުރިހަމަކޮށްފައިވަނީ 14 ފެބްރުވަރީ 2026 ގައެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތަކުގެ އިތުރަށް މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެކެވެ.