ޑްރަގް ވިޔަފާރިކުރާ މީހުންނަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކަށް ނިސްބަތްވާ މީހަކަށް 75 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ. އެ ހުކުމް އިއްވާފައި ވަނީ ފުވައްމުލައް، ދޫޑިގަން ގަސްދޮށުގޭ، ޢަބްދުލްބާސިޠު، 28، ގެ މައްޗަށެވެ. އޭނާއަށް އިއްވި ޖަލު ހުކުމާ އެކު 300،000ރ. އިން ޖޫރިމަނާ ވެސް ކޮށްފައިވެ އެެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ޑްރަގްގެ ވިޔަފާރިކޮށް ދިވެހި ޒުވާން ޖީލުތައް ފަނާކޮށް އާއިލާތައް ބިކަކުރަމުން، އޭގެއިން ވިޔަފާރި މަންފާ ހޯދާ ބަޔަކަށް މި ސަރުކާރުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ބާސިޠު ހައްޔަރުކޮށްފައި ވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް މިދިޔަ އަހަރު ފުލުހުން ފެށި ހާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ. އެގޮތުން އެ އަހަރުގެ އޭޕްރީލް 27 ވަނަ ދުވަހު އޭނަ ހައްޔަރުކޮށް، ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީ ޖޫން 11، 2024 ގަ އެވެ.
އޮޕަރޭޝަނާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެ އެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގު ކުރެވި 78 މައްސަލަ ދައުވާކޮށް ދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވެ އެވެ.
ފުލުހުން ބުނީ ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަކުރާކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސް ފަރާތްތަކާ މެދު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އެގޮތުން، ބާސިޠުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިން މިލިއަނަށް ވުރެން ގިނަ ރުފިޔާ އާއި 19،000 އަށް ވުރެ ގިނަ ޑޮލަރުގެ މުއާމަލާތްކޮށްފައިވެ އެވެ.
އެ ފައިސާގެ މުއާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.