ރާއްޖެ އިން ޑެންމާކްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޑެންމާކްގެ ރަސްގެފާނު ފްރެޑެރިކް ދިހަވަނަ އަށް މިއަދު ހެނދުނު އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކޯޕަންހޭގަންގައި ހުންނަ 'ކްރިސްޓިއަންސްބޯގް' ޕެލަސްގަ އެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު، ރަސްގެފާނުގެ އަރިހަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގައި ގީލާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޑެންމާކްގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފަ އެވެ. އަދި ރާއްޖެ އާއި ޑެންމާކް އާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފަ އެވެ.