Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

މުދާ ނެތަސް ޞަދަޤާތް ކުރެވޭނެ!

ޝައްކެތް ނެތެވެ. ހެޔޮ ނިޔަތުގައި އިޚްލާޞްތެރިކަމާ އެކު ކުރާ ކޮންމެ ޞަދަޤާތަކީ ވަރަށް ވެސް މަތިވެރި އަޖުރު ލިބޭނެ ކަމެކެވެ. އެކަމަކު އެގިލައްވާތޯ އެވެ. ޞަދަޤާތް ކުރެވެނީ ހަމައެކަނި މުދަލަކުން ނޫނެވެ. މުދާ ނެތަސް ޞަދަޤާތް ކުރުމުގެ އަޖުރު ލިބިގެންދާނެ ގޮތްތައް މި އުއްމަތުގެ މާތް ނަބިއްޔާ ﷺ ވަނީ ބަޔާންކޮށް ދެއްވާފަ އެވެ.

އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައިވެއެވެ.

“أَنَّ نَاسًا مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه و سلم قَالُوا لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ ذَهَبَ أَهْلُ الدُّثُورِ بِالْأُجُورِ؛ يُصَلُّونَ كَمَا نُصَلِّي، وَيَصُومُونَ كَمَا نَصُومُ، وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ. قَالَ: أَوَلَيْسَ قَدْ جَعَلَ اللَّهُ لَكُمْ مَا تَصَّدَّقُونَ؟ إنَّ بِكُلِّ تَسْبِيحَةٍ صَدَقَةً، وَكُلِّ تَكْبِيرَةٍ صَدَقَةً، وَكُلِّ تَحْمِيدَةٍ صَدَقَةً، وَكُلِّ تَهْلِيلَةٍ صَدَقَةً، وَأَمْرٌ بِمَعْرُوفٍ صَدَقَةٌ، وَنَهْيٌ عَنْ مُنْكَرٍ صَدَقَةٌ، وَفِي بُضْعِ أَحَدِكُمْ صَدَقَةٌ. قَالُوا: يَا رَسُولَ اللَّهِ أَيَأْتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ؟ قَالَ: أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ وِزْرٌ؟ فَكَذَلِكَ إذَا وَضَعَهَا فِي الْحَلَالِ، كَانَ لَهُ أَجْرٌ”

މާނައީ: “ނަބިއްޔާ ﷺ ގެ އަޞްޙާބުބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ނަބިއްޔާ ﷺ އަށް ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ތަނަވަސްކަމުގެ އަހުލުވެރިން ޘަވާބާއި އަޖުރުގެ ގޮތުން ކުރިއަށް ދެމިގެންފިއެވެ. ތިމަންމެން ނަމާދުކުރާ ފަދައިން އެބޭކަލުންވެސް ނަމާދުކުރެއެވެ. އަދި ތިމަންމެން ރޯދަހިފާ ފަދައިން އެބޭކަލުންވެސް ރޯދަ ހިއްޕަވައެވެ. އަދި އެބޭކަލުންގެ އަތުގައިވާ އިތުރުމުދާތަކުން އެބޭކަލުން ޞަދަޤާތްކުރައްވައެވެ”. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބޭކަލުން ޞަދަޤާތްކުރާނޭ އެއްޗެއް ﷲ ލައްވާފައި ނުވޭ ހެއްޔެވެ. ހަމަކަށަވަރުން ކޮންމެ ތަސްބީޙައަކީ (سُبْحَانَ الِلهِ އަކީ) ޞަދަޤާތެކެވެ. އަދި ކޮންމެ ތަކްބީރަކީ (اللهُ أَكْبَرُ އަކީ) ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދަކީ (الحَمْدُ لِلهِ އަކީ) ޞަދަޤާތެކެވެ. އަދި ކޮންމެ ތަހްލީލަކީ (لَا إِلٰهَ إِلَّا اللهُ އަކީ) ޞަދަޤާތެކެވެ. ހެޔޮކަންތައްތަކަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދި މުންކަރާތްތައް މަނާކުރުމަކީވެސް ޞަދަޤާތެކެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު (އޭނާގެ އަނބިމީހާއާއެކު) ރޭކުރުމުންވެސް އެކަމުގައި ޞަދަޤާތެއްވެއެވެ”. އެބޭކަލުން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކު އޭނާގެ ޝަޙުވަތްތެރިކަމާ ދިމާއަށް ދިޔުމުންވެސް އެކަމުގައި އޭނާއަށް އަޖުރެއްވަނީ ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭނާ އެކަން ޙަރާމްގޮތުގައި ކޮށްފިނަމަ އެކަމުގެ ފާފަ އޭނާއަށްވާކަމަށް ތިޔަބޭކަލުންނަށް ފެނިވަޑައިގަނޭތޯއެވެ؟” އެބޭކަލުން ދެންނެވިއެވެ. “އާދޭހެވެ”. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ ހަމައެފަދައިން އޭނާ ޙަލާލުގޮތުގައި އެކަންކުރުމުންވެސް އޭނާއަށް އެކަމުގެ އަޖުރު ލިބޭނެއެވެ”.

ފަހެ، ޞަދަޤާތްކުރުމަށް މީ ކިހާ ފަސޭހަގޮތެއްތޯ އެވެ. އަދި މިނޫންވެސް މުދާ ހޭދަނުކޮށް ޞަދަޤާތްކުރެވޭ ތަފާތު ގޮތްތައް، ރަސޫލާ ﷺ ގެ ސުންނަތުން ޘާބިތުވެގެން އައިސްފައިވެ އެވެ.

ވީމާ، އަޅުގަނޑުމެންނީ ގިނަގިނައިން ޛިކުރުކޮށް، ޞަދަޤާތްކުރާ ބަޔަކަށް ވަމާތޯ އެވެ. އަޅުގަނޑުގެ ދުޢާ އަކީ އަޅުގަނޑުމެން އެންމެންނީ، ގިނަގިނައި ﷲ ހަނދުމަކޮށް، މުދަލުންނާއި އަޅުގަނޑުމެންގެ ދުލުންވެސް ގިނަގިނައިން ޞަދަޤާތްކުރާ ބަޔަކުކަމުގައި ލެއްވުމެވެ. އާމީން!

މަސްދަރު: އިލްމު.އެމްވީ