Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޝަމްއާންގެ ދިފާއުގައި މައިންބަފައިންނާއި އަނބިމީހާ ހެކިބަސް ދީފި

ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި ދިފާއީ ހެކިންގެ ގޮތުގައި އޭނާގެ މަންމަ، ބައްޕަ އަދި އަނބިމީހާ ހެކިބަސް ދީފި އެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

މި ދައުވާތަކުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވިއިރު، ޝަމްއާންގެ މަންމަ، ބައްޕަ އަދި އަންބިމީހާގެ ހެކިބަސް ނަގާފައިވަނީ ޝަމްއާންގެ ސްޓޫޑަންޓް ލޯން ދައްކާފައިވަނީ އޭނާގެ ބައްޕަ ދިން ފައިސާއިންކަން ސާބިތު ކުރުމަށެވެ.

ޝަމްއާންގެ ބައްޕަ އިބްރާހިމް ވަހީދު ހެކިބަސް ދެމުން ބުނީ، ޝަމްއާންގެ ލޯނު ނުދައްކާ އޮތުމުން އެކަމާ ކަންބޮޑުވާތީ، އެ ލޯނު ދައްކަން އޭނާ އަށް ތިން ލައްކަ ރުފިޔާ ދީފައިވާނެ ކަމަށެވެ. އަދި އޭނާއަކީ ފިހާރައާއި ކެފޭ ހިންގާ މީހެއް ކަމަށާއި އަދި އެޕާޓްމެންޓް ކުއްޔަށް ދީގެންވެސް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް ޝަމްއާންގެ ބައްޕަ ބުނެފައިވެ އެވެ.

ޝަމްއާންގެ މަންމަ މުރުޝިއާ ވެސް ވަނީ އެ މަސައްކަތްތަކުން އެ ގެއަށް ރަނގަޅު އާމްދަނީއެއް ލިބޭކަން ފާހަގަކޮށް ހެކިބަސް ދީފަ އެވެ. އެ ފައިސާ ދިނީ ޝަމްއާންގެ އަންހެނުން އިދުފާ ފާއިޒުގެ ވެސް ހާޒިރުގައި ކަމަށް ވެސް ބުންޏެވެ.

އިދުފާ ހެކިބަސް ދެމުން ބުނީ، އެ ދުވަސްވަރު ޝަމްއާންގެ ކާރު ވިއްކާލައިގެން ވެސް އޭނާ އަށް ނަގުދު ފައިސާތަކެއް ލިބުނު ކަމަށެވެ. އެގޮތުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި 10،000 ޑޮލަރާއި 250،000ރ. ލިބުނު ކަން އޭނާ ފާހަގަކުރިއެވެ.

ފުލުހުން މި މައްސަލައިގައި މީގެކުފިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ. ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

މީގެއިތުރުން މި މައްސަލައިގައި ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގެއިން 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.