Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ދެ އިންތިހާބު އެއްކޮށްލަން ނޫނެކޭ ބުނަން ތައްޔާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މިހާރު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ނޫނެކޭ ބުނަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ "އެހަރާއި މިހާރުގެ" ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހަދަން ޕާޓީން ނިންމި ނިންމުމަށް ތާއީދު ކުރައްވާ ކަމަށެވެ.

"ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި، ޕާޓީގެ ނިންމުމަށް އަޅުގަނޑުވެސް ތާއީދުކޮށް، ރެފަރެންޑަމްގައި ނޫނެކޭ ބުނަން ތައްޔާރު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރާ ހަރަދު ބޮޑު ނޫން ކަމަށާއި ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ޓެކްސް ނިޒާމު ގާއިމުކުރެވި ދައުލަތުގެ އާމްދަނީ އިތުރުވުން ކަމަށެވެ. އަދި ޓެކްސް އާމްދަނީ ހުރީ ތިން ބިލިޔަނަށްވުރެ މަތީގައިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އިންތިހާބުތައް ބާއްވާ، ރައްޔިތުންގެ ބައިވެރިވުން އިތުރުވުމަކީ ތަރައްގީއަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބު ކަމަށެވެ.

"ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަކަށް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ" ނަޝީދު ވިދާޅުވި އެވެ.