Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ނިމާލު މަރުވެއްޖެ

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި/ޑައިރެކްޓަރު އަހުމަދު ނިމާލު މަރުވެއްޖެ އެވެ.

މިހާތަނަށް އެތައް ފިލްމެއް ކުޅުމުގެ އިތުރުން ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓް ވެސް ކޮށްފައިވާ ނިމާލު މަރުވެފައި މި ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. އައިޖީއެމްއެޗްގައި ނިމާލު މަރުވީ މިއަދު ހެނދުނު އެވެ.

ނިމާލުގެ ޖަނާޒާ އޮންނާނީ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ނިމާލަކީ ކުރީގެ ބަތަލާ ފާތުމަތު ރަމީޒާގެ ފިރިމީހާ އެވެ. އަދި އޭނަ އަކީ ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ ބައްޕަ އެވެ.

އުމުރުން 62 އަހަރުގެ ނިމާލަކީ ފިލްމީ ދާއިރާ އަށް 1980 ގެ ތެރޭގައި ނުކުތް ފަންނާނެކެވެ. އޭނަގެ އެންމެ މަގުބޫލު ފިލްމީ މަސައްކަތުގެ ތެރޭގައި މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓްކޮށް، ބިރުކުޑަ އަލީގެ ރޯލު ނިމާލު ކުޅުނު 1991-199 އަށް ޓީއެމުން ގެނެސްދިން 'ސަޅިބައިސާ' ގެ އިތުރުން އޭނަ ޑައިރެޓްކޮށް ލީޑު ބަތަލުގެ ރޯލު ކުޅުނު 1993 ގެ ފިލްމު 'ސިޓީ' ހިމެނެ އެވެ.

މިދިޔަ އަހަރު ހަތަރު ފިލްމަކުން ނިމާލު ފެނިފައިވެ އެވެ. އޭގެ ތެރޭގައި 'ކަނބުލޮ'، 'އިލްޒާމް'، 'ކޮސް ގިނަ މިސްޓޭކް' އަދި 'ލިލީ' ހިމެނެ އެވެ.

ނިމާލު އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2022 ގެ ހެހެސް އެވެ. އޭނަ ޑައިރެކްޓްކުރި ކާމިޔާބި ފިލްމުތަކުގެ ތެރޭގައި ޒަލްޒަލާ، 'އެ ދަރިފުޅު' އަދި 'ވާ ލޯބި އެނގޭ ނަމަ' ފާހަގަކޮށްލެވެ އެވެ.

ފިލްމީ ދާއިރާ އަށް ނިމާލް ކޮށްދފައިވާ ހިދުމަތުގެ އަގުވަޒަންކޮށް 1991 އޭނަ އަސް ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ލިބިފައިވެ އެވެ.