Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް މިހާދު

އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް އަހުމަދު މިހާދު ހަމަޖައްސައިފި އެވެ.

އޭނަ އެ ސްކޫލްގެ ޕްރިންސިޕްލްކަމާ މިހާރު ރަސްމީކޮށް ހަވާލުވެވަޑައިގެންފައިވާ އިރު، މިހާދު އެންމެ ފަހުން ހުންނެވީ އޭނަގެ އުފަން ރަށް ފޭދޫ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއްވެފައިވާ މިހާދަކީ ދިވެހި ޓީޗަރެއްގެ ގޮތުގައި ދާއިރާ އަށް ނުކުންނަވައި، އެ މާއްދާ ކިޔަވައި ދެއްވުމުގައި ވަރަށް ގިނަ ދުވަހުގެ ތަޖުރިބާ ވެސް ހޯއްދެވި ބޭފުޅެކެވެ.

ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ޝަރަފުއްދީން ސްކޫލްގެ އެންމެ ޕްރިންސިޕަލްގެ މަގާމު އެންމެ ފަހުން އަދާކުރެއްވީ މަރަދު އަށް ނިސްބަތްވާ ހުސައިން މުސައްވިރެވެ.

ޝަރަފުއްދީ ސްކޫލްގެ ޕްރިންސިޕަލަކަށް މިހާދު ހަމަޖެއްސުމާ ގުޅިގެން ސްކޫލްގެ ފަރާތުން އޭނަ އަށް މަރުހަބާ ކިޔާފައިވެ އެވެ.

އެ ސްކޫލަކީ އެންމެ ފުރަތަމަ 1992 ގައި ސަދަން ސެކަންޑްރީ ސްކޫލްގެ ނަމުގައި ހުޅުވި ސްކޫލެވެ. އަދި އޭގެ ފަހުން އެތަނުގެ ނަން މުހިއްބުއްދީން ސްކޫލަށް ވެސް ބަދަލުކުރި އެވެ. ޝަރަފުއްދީން ސްކޫލްގެ ނަމަށް އެތަން ބަދަލުވީ އެ ސްކޫލާ އިންވެގެން ކުރިން ހިންގަމުން އައި ސ. އަތޮޅު ތައުލީމީ މަރުކަޒާ އެެއްކޮށްލުމަށް ފަހު އެވެ.