Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ފޭދޫ ރައްޔިތުންގެ އަޑު ފުލުހުން އަހައިފި

ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އައްޑޫ ފޭދޫގައި ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.

އިއްޔެ ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، ރަށުގައި ރައްޔިތުން އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތުދީ އަދި ރައްޔިތުންގެ ވާހަކަތައް އަޑުއަަހާފައިވެ އެވެ. އެގޮތުން، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުވުމަށާއި ދުންފަތުގެ ގާނޫނަށް އަހުލުވެރި ކުރުވުމަށާއި ވިޔަފާރިތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރެވޭނެ ކަންކަމުގެ މައުލޫމާތު އާންމުންނަށް ދީފައިވެ އެވެ.

މީގެ އިތުުރުން، ވައްކަމުގެ މައްސަލަތައް އައްޑޫގައި މި ފަހުން ވަރަށް އާންމުވެފައިވާތީ ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަން ވެސް ކިޔައި ދީފައިވެ އެވެ. އަދި މުޖުތަމައުގައި މިހާރު ހުރި ކަންބޮޑުވުންތަކާއި، އެ ކަންކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ހަރަކާތުގައި މައުލޫމާތު ދީފައިވެ އެވެ.