ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ ބަތަލާ އަލިޒޭ އަގްނިހޯތުރީ ހިމަނައިގެން ޑައިރެކްޓަރު ވިކާސް ބާލް ހަދަން ޕްލޭންކުރި ފިލްމުގެ މަސައްކަތް ބަދަލުކޮށްފި އެވެ.
ކުރިން އޭނަ ހަދަން ޕްލޭންކުރީ 2014 ގެ ފްރާންސްގެ ކޮމެޑީ ޑްރާމާ 'ލެ ފެމިލީ ބެލިއާ" ގެ ހިންދީ ރިމޭކެވެ. އޭގެ ބަތަލަކަށް އަލިޒޭއާ އެކު މަސައްކަތްކުރާ ގޮތަށް އޮތީ ރާގަވް ޖުޔާލް އެވެ. ނަމަވެސް އޭގެ ބަދަލުގައި އަލިޒޭ ހިމަނައިގެން ވިކާސް ހަދަން މިހާރު ނިންމާފައި ވަނީ ޔޫކޭ-ޕަންޖާބީ މިއުޒިކް ޑްރާއެކެވެ. މީގެ ބަތަލަކަށް ނަގާފައި ވަނީ ސިދާންތު ޗަތުރަވެދީ ކަމަށާއި ފިލްމު ޕްރޮޑިއުސް ކުރާނީ ރިލަޔަންސް އެންޓަޓައިންމަންޓުން ކަމަށް މީޑިއާތަކުން ބުންޏެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ވިކާސް ޑައިރެކްޓްކުރި އެހެން ފިލްމެއް ވެސް ސިދާންތު ކުޅެފައިވާކަމެވެ. އެއީ 2024 ގައި ޝޫޓިން ނިންމައިލި ނަމަވެސް ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި އިއުލާން ނުކުރާ، 'ދިލް ކާ ދަރްވާޒާ ކޯލް ނާ، ޑާލިން' އެވެ. އޭގެ ކާސްޓްގައި ވަމީގާ ގައްބީ އާއި ޖަޔާ ބައްޗަން ވެސް ހިމެނެ އެވެ.
ވިކާސް އަކީ 'ކްއީން' އާއި 'ސުޕަ 30' ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އަޖޭ ދޭވްގަންގެ 2024 ގެ ބިރުވެރި ފިލްކު 'ޝައިތާން' އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަލިޒޭ އާއި ސިދާންތާ އެކު ވިކާސް ހަދަން ނިންމާފައިިވާ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، އޭގައި އަލިޒޭ ކުުޅޭނީ ލަވަކިޔުންތެރިއެއްގެ ރޯލެވެ. އަދި ސިދާންތުގެ ކެރެކްޓާ އަކީ ޑްރަމަރެއްގެ ރޯލެވެ.
ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ސިދާންތު، 32، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި 'ދޯ ދީވާނޭ ޝެހެރް މޭ' އެވެ. އަލިޒޭ، 29، ބޮލީވުޑަށް ތައާރަފުވީ 2023 ގެ 'ފަރޭ' އިންނެވެ. އޭނަ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަލްވިރާ ޚާންގެ ދަރިއެކެވެ. އަލިޒޭގެ ބައްޕަ އަކީ ކުރީގެ އެކްޓަރު، މިހާރުގެ ޕްރޮޑިއުސަރު އަތުލް އަގްނިހޯތުރީ އެވެ.