Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ކައުންސިލުތަކުން ބޭނުންވި އެތައް ކަމެއް ހަގީގަތަކަށްވެއްޖެ

ކައުންސިލުންތަކުން އިންތިޒާރު ކުރަމުން އައި އެތައް ކަމެއް މިއަދު ހަގީގަތަކަށްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި އެ މަނިކުފާނު ވިދާޅުވީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުޞަތު އިތުރަށް ފަހިވެފައިވާ ކަމަށެވެ. އެގޮތުން ކައުންސިލުތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށް ދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޙައްޤު މަޤާމާއި ޙައިޘިއްޔަތު ހޯދައި ދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު އެ ވަނީ ޙަޤީޤަތަކަށްވެފައި، ރައީސް ވިދާޅުވި އެވެ. " ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށް ދިނުމުގައި މި ސަރުކާރުން ވަނީ އިސް ނަގާފައި."

އެ މަނިކުފާނު ވިދާޅުވީ ރަށްތަކުގެ ޞިއްޙީ އަދި ތަޢުލީމީ އިޖުތިމާޢީ ޚިދުމަތްތައް ވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތާއި އޭޓީއެމާއި ކޮންމެ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެދުން ވެސް އެތައް ޒަމާނަކަށް ފަހު ޙަޤީޤަތަކަށް ހައްދަވައި ދީފައިވާ ކަމަށެވެ.

"ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން. ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފުރިހަމަކުރާނަން." ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މަގު ހެދުމާއި ބަނދަރުހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ގޮސްފައި ވަނީ ވޭތުވި ދެ އަހަރުގެ ތެރޭގައި ކަމަށެވެ.