ޗުއްޓީ އަށް އިންޑޮނީޝިއާގެ ބާލީ އަށް ގޮސް އޭރުގެ ލޯބިވެރިޔާގެ މަންމަ މަރާލިކަމުގެ ކުށް ސާބިތުވެ 18 އަހަރުގެ ޖަލު ހުކުމެއް އިއްވި އެމެރިކާގެ މީހަކު 11 އަހަރު ފަހުން މިނިވަންކޮށް، އެ ގައުމުން ޑީޕޯޓްކޮށްލައިފި އެވެ.
އަންގާރަ ދުވަހު އެމެރިކާ އަށް ފޮނުވައިލީ ޓޮމީ ޝޭފާ އެވެ.
އޭނަ އަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2014 ގަ އެވެ. އެއީ ލޯބިވެރިޔާ ހީތާ މެކްގެ މަންމަ ޝީލާ ވޮން-ވީޒް މެކް، 62، އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބާލީގެ އެސްޓީ ރެޖިސް ރިސޯޓްގައި މަރައިލިކަމުގެ ކުށް ސާބިތުވެގެންނެވެ. ޝީލާ މަރައިލުމަށް ފަހު ލާފައި އޮތީ ސޫޓް ކޭހެއްގެ ތެރެއަށެވެ.
އެ މަރަކީ ލޯބިވެރިޔާ ވެސް އެހީވެގެން ހިންގާފައިވާ އަމަލެކެވެ. އެހެންވެ އެ މައްސަލައިގައި ހީތާ އަށް ވެސް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ހުކުމް ތަންފީޒު ކުރަމުންދާތާ 7 އަހަރު ފަހުން އޭނަ މިނިވަންކޮށް 2021 ގައި ވަނީ އެމެރިކާ އަށް ޑީޕޯޓްކޮށްފަ އެވެ.
ނަމަވެސް މަންމަ މަރާލި މައްސަލައިގެ ޝަރީއަތް ހީތާގެ މައްޗަށް ޝިކާގޯގައި ހިންގައި 2024 ގެ ޖެނުއަރީ މަހުގެ ތެރޭގައި އޭނަގެ މައްޗަށް ވަނީ 26 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ޖަލު ހުކުމް ތަންފީޒު ކުރާތާ 11 އަހަރު ފަހުން ޓޮމީ މިނިވަންކުރީ ފާއިތުވި މުއްދަތުގެ ތެރޭގައި އޭނަ ވަރަށް ބޮޑަށް އިސްލާހުވެފައިވާތީ ކަމަށް އިންޑޮނީޝިއާގެ ކަމާބެހޭ އިދާރާތަކުން ބުންޏެވެ.