ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ގައުމީ ބޭންކުން ބުނީ އެއީ 2024 އާ އަލާބަލާ އިރު، 9.8 ޕަސެންޓްގެ ކުރިއެރުމެކެވެ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާ އިރު، މިދިޔަ އަހަރަކީ އެ ބޭންކަށް ރެކޯޑް އަހަރެކެވެ. އެގޮތުން ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު ބޭންކުން އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައިވާ އިރުި، މިއީ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރުކަން ބީއެމްއެލުން ފާހަގަކޮޮށްފައިވެ އެވެ.
މިދިޔަ އަހަރު 30،000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބީއެމްއެލްއާ ގުޅުނު އިރ ކަސްޓަމަރުންގެ ޑިޕޮސިޓް މިދިޔަ އަހަރު އޭގެ ކުރީ އަަހަރަށް 16 ޕަސެންޓް އިތުރެވެ.
ބީއެމްއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުުވި ގޮތުގައި، މިދިޔަ އަހަރަކީ ބީއެމްއެލްގެ ތާރީހުގައި ވަރަށް މުހިންމު އަހަރެކެވެ. އެގޮތުން ރަނގަޅު ނަތީޖާއެއް ހޯދުމާ އެކު އިޖުތިމާއީ ގޮތުން ވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން އެ ބޭންކުން ސާބިތުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.