މާލޭގެ ކާނު ސާފު ކުރުމާއި މާލޭގެ ފެންބޮޑުވާ މައްސަލަ ހައްލު ކުރުމުގެ ކްރެޑިޓް މާލޭގެ މޭޔަރ އާދަމް އާޒިމްއަށް ނުނެގޭނެކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްްކަވަމުން އަރީޝް ވިދާޅުވީ މާލެ ސިޓީން ކަމެއް ކޮށްފިއްޔާ އެކަމެއްގެ ކްރެޑިޓް ނަގަނީ މޢޔަރ އާދަމް އާޒިމްކަމަށެވެ. އަދި ކަމެއް ނުވެއްޖިއްޔާ އެކަމެއް ކަނޑާލަނީ މާލޭ ސިޓީގެ އެސްޖީގެ ބޮލަށް ކަމަށެވެ. އަދި ކައުންސިލަރުން ކުރާ އެއްވެސް މަސައްކަތެއް ނޯންނަ ގޮތަށް މޭޔަރ އާދަމް އާޒިމް އަމަލު ކުރައްވާ ކަމަށް ވިދާޅުވެ އަރީޝް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއެވެ.
އަރީޝް ވިދާޅުވީ މާލެ ސިޓީގައި ހިނގާ ހުރިހާ މަސައްކަތަކީ ކައުންސިލުން ނިންމާ ނިންމުން ތައް ކަމަށާއި އެކަމުގައި ޕީއެންސީގެ މެޖޯރިޓީ ކައުންސިލަރުންގެ ބައިވެރިވުން އޮންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކައުންސިލުން މިފެންނަނީ ކަމެއް ގޯސްވެއްޖިއްޔާ އެސްޖީ، ކަމެއް ރަނގަޅުވެއްޖިއްޔާ ތިމަންނަ، މިއީ މިއަދާއި ހަމައަށް މިތަނުގައި އާދަމް އާޒިމް މޭޔަރު ކަމާއި ހަވާލުވި ފަހުން ކަންކަން ފެންނަނީ މި އުސޫލުން، ހަގީގަތަށް ބުނަންޏާމުން މާލެ ސިޓީ ކައުންސިލްގައި މިތާ ނިންމާ ނިންމުމަކީ އަޅުގަނޑުމެންގެ ފުރިހަމަ އެއްބަރުލުމާއި އެކު ފުރިހަމަ މަސައްކަތާއި އެކު ނިންމާ ނިންމުން" އަރީޝް ވިދާޅުވިއެވެ.
އަރީޝް ވިދާޅުވީ ދާދި ފަހުން ހުޅުވި ގަލޮޅު ޕާކަކީވެސް ކައުންސިލަރުންގެ މަސައްކަތުން ކުރިކަމެއް ކަމަށެވެ. އެތަނަކީ ގަލޮޅު މެމްބަރު ރީނޫ އާއި ނާޒިމާ އަދި ސައިފްގެ މަސައްކަތް ކަމަށެވެ. ނަމަވެސް އެތަނުގެ ހުރިހާ ކްރެޑިޓެއްވެސް ނޭެގީ މޭޔަރަ އާދަމް އާޒިމްއެވެ.
މީގެ އިތުރުންވެސް މާލޭގައި ފެންބޮޑުވާ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް ގެނެސް އެކަމުގައި މަސައްކަތް ކުރީ އަރީޝް ކަމަށާއި އެކަން ކައުންސިލްގެ މެމްބަރުންނާއި ދާއިރާގެ ރައްޔިތުންނަށްވެސް އެނގޭނެކަމަށެވެ. އަދި މާލޭގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތަކީ ސީދާ ރައިސް މުއިއްޒު ސިޓީ މިނިސްޓްރީއަށް އަންގަވައިގެން އެ މިނިސްޓްރީން ފެށި މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކަމުގެ ކްރެޑިޓްވެސް އާދަމް އާޒިމް ނަގާފައިވާ ކަމަށް އަރީޝް ވިދާޅުވިއެވެ.
އަރީޝް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި ގުޅުން ހުރި އެތައް މައްސަލައެއް ކުރިއަށް ނުގެންގޮސް މޭޔަރ މޭޒުމަތީގައި އެބަހުރިކަމަށެވެ. އަރީޝްގެ އެތުހުމަތުތައް ކައުންސިލްގެ ޖަލްސާގައި އާދަމް އާޒިމް ވަނީ ދޮގުކޮށްފައެެވެ.
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު ހުޅަނގު އުތުރު ދާއިރާއަށް މުހައްމަދު އަރީޝް ވާދަ ކުރައްވާ އިރު މާލޭގެ މޭޔަރގެ މަގާމަށް އާދަމް އާޒިމް އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.