Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ލާމަރުކަޒީ ނިޒާމުގެ މުހިއްމުކަމުގެ ނަމޫނާ ރައީސް ދައްކަވާ

ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން މުހިއްމުކަމުގެ ނަމޫނާ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވާ ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ލާމަރުކަޒީ ނިޒާމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިނިސްޓްރީގެ މުވައްޒަފުންނާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި އޭނަ ވިދާޅުވީ ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފުވިތާ 15 އަހަރު ވެފައިވާ އިރު އެ ނިޒާމު އެތައް ތަޖުރިބާއެއް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ވެސް މުހިއްމު ކަމަށެވެ. އަދި ރައީސް މުއިއްޒު ގެންދަވަނީ އެ ނަމޫނާ ދައްކަވަމުން ކަމަށް ވިދާޅުވި އެވެ. އެގޮތުން އަތޮޅުތެރެއަށް ރައީސް ކުރައްވާ ދަތުރުގައި ކައުންސިލުތަކާ ބައްދަލު ކުރައްވައި، ކަންކަމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާ ކަމަށް ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގައި ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދެވޭ އަދި އެންމެ ގާތުން ރައްޔިތުންނާއެކު މަސައްކަތް ވެސް ކުރެވޭ ނިޒާމު ކަމަށެވެ. މިއަދި އެ ނިޒާމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއް ބަޔަކީ ކައުންސިލުތައް ކަމަށާއި ކައުންސިލުތަކާއެކު މަސައްކަތް ކުރުމުގައި ފިކުރު މިހާރަށް ވުރެ ވެސް ބޮޑަށް ދިރުވައި އާލާކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ދައުލަތުގެ ހުރިހާ ވުޒާރާއެއް އަދި މުއައްސަސާއަކުންވެސް ޤަބޫ ލުކުރަން ޖެހޭ ޙަޤީޤަތަކީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ގާތުން ހިދުމަތްދޭ ނިޒާމު ކަމަށްވާ އިރު މި ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާކަން،" މިނިސްޓަރު ވިދާޅުވި އެވެ. "ކައުންސިލްގެ ޚިދުމަތަކީ ރައްޔިތުންނަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ދިރުވައި އާލާ ކުރުން."