ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއާ އެކު ހިއްސާއަކަށް 60ރ. ބެހުމަށް ހުށަހަޅަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
މި ނިންމުމާ އެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322.9 މިލިއަން ރުފިޔާ ބެހުމަށް ހުށަޅާނެ އެވެ. ހިއްސާގެ ފައިދާ ގޮތުގައި ބަހާނެ އަދަދު ފާސްކުރާނީ އަހަރީ އާންމު ޖަލްސާގަ އެވެ. އޭގެ އިތުރުން މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ބޯޑުން ހުށަހަޅާފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ.
ބޯނަސް ހިއްސާ ދޫކުރުމަށް ފަހު، 50ރ. ގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއުއަކަށް ވާނީ 1015.90 ރުފިޔާ ކަމަށްގައުމީ ބޭންކުން ބުންޏެވެ. އެހެންވެ މި އަހަރު ކޮންމެ ހިއްސާއަކަށް ޖުމްލަ 2091.80 ރުފިޔާގެ ނަފައެއް ލިބޭނެ އެވެ.
ބީއެމްއެލުން ބުނީ، ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް، ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުން ކަމަށެވެ.
މިދިޔަ އަހަރު ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.