Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އޮޅިގެން އެހެން މީހަކާ ހަވާލުކުރެވުނީ 94،000ރ.

އޮޅިގެން އެހެން މީހަކާ ހަވާލުކުރި 94،000 ރުފިޔާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ޓީޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި އެ ފައިސާ ލާފައިވާ ސިޓީ އުރައެއް ލިބެންވާ ފަރާތަށް ނުލިބި ގެއްލިފައިވާ މައްސަލަ ހުށަހެޅީ މި މަހުގެ 12 ގައި ކަމަށެވެ.

މާފަންނު ޕޮލިހަށް އެ މައްސަލަ ހުށަހެޅުމުން ސީސީޓީ ފުޓޭޖު ބެލި ނަމަވެސް ފުޓޭޖުން ބޯޓު ދެނެގަނެވިފައި ނުވާތީ، ބޯޓު އޮތް ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދުން އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު ހޯދައި، ކުރި މަސައްކަތުން ބޯޓު ދެނެގަނެވި ކެޕްޓަނާ ގުޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބޯޓުގެ ކެޕްޓަނާ ގުޅުމުން ބޯޓު އޮތީ ވ. އަތޮޅުގައި ކަމަށާއި މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގައި ހުރި ލޮކަރުގައި އޮތް ކަމަށް ކެޕްޓަން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި އެ ފައިސާތައް މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ފައިސާ އަކީ ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އަދި ރިސޯޓަށް ފޮނުވުމަށްޓަކައި ފައިސާ ހަވާލުކޮށްފައި ވަނީ، ހަވާލުކުރަން ޖެހޭ ބޯޓުގެ ކެޕްޓަން ނޫން އެހެން ބޯޓެއްގެ ކެޕްޓަނާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވެ އެވެ.

އެހެންވެ މިފަދަ ކަންކަމާ ގުޅިގެން ނަގުދު ފައިސާ ގެންގުޅުމުގަ އާއި ފައިސާ މީހުންނާ ހަވާލުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

އެގޮތުން ފައިސާ ހަވާލުކުރާ އިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީން ކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރު ކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.