މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.
އެމްއޭސީއެލުން ބުނިގޮތުގައި ހިއްކަން ޖެހޭ 97.15 ހެކްޓަރުގެ ތެރެއިން މިއަދާއި ހަމައަށް 15 ހެކްޓަރު ހިއްކައި ވަނީ ނިމިފަ އެވެ. އެއީ މުޅި މަޝްރޫއުގެ އިންސައްތައަށް ބަލާނަމަ، 15.44 އިންސައްތަ އެވެ.
ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައިވެ އެވެ.
ގިރާވަރުފަޅުން ދޫކުރަނީ 1،250 އަކަފޫޓުގެ 2،605 ޕްލޮޓާއި 1،650 އަކަފޫޓުގެ 1،213 ޕްލޮޓާއި 2050 އަކަފޫޓުގެ 253 ޕްލޮޓުގެ އިތުރުން 2،450 އަކަފޫޓުގެ އެއް ޕްލޮޓެވެ.