އެހެނިހެން އުންމަތްތަކުގެ މީހުންގެ މައްޗަށް ރޯދަ ފަރުޟުކު ރެއްވުނު ފަދައިން މާތް ﷲ މި އުންމަތުގެ މީހުންގެ މައްޗައް ވެސް ރޯދަ ފަރުޟު ކުރެއްވި އެވެ. އެއީ އެކަލާނގެ އަށް ބިރުވެތިވެ ތަޤުވާވެރިވުމަށްޓަކައެވެ. ރަމަޟާން މަހުގެ ތެރޭގައި ދުވަސްތައް އަޅުގަނޑުމެން މިހާރު ތިބި އިރު ރޯދައާ ބޭހޭ ގޮތުން ބޭނުންވެދާނެ މަޢުލޫމާތުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ރޯދައިގެ ތަޢުރީފް
”ރޯދަ” އަކީ ޢަރަބި ލަފުޒެއް ކަމުގައިވާ ‘الصِّيام ‘ މި ލަފްޒުގެ ދިވެހި މާނައެވެ. ޢަރަބި ބަހުގައި މިލަފްޒުގެ މާނައަކީ ހަނުހުރުމެވެ. މިލަފްޒު ހަނުހުރުމުގެ މާނައިގައި ކީރިޤުރުއާނުގެ މަރްޔަމްސޫރަތުގެ 26 ވަނަ އާޔަތުގައި ﷲ ތަޢާލާ މަރްޔަމްގެފާނަށް ވަޙީކުރެއްވި މި ބަސްފުޅު އައިސްފައިވެއެވެ.
( فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا)
މާނައަކީ: ”ކަމަނާ އަށް މީހަކު ފެނިއްޖެނަމަ ބުނާށެވެ! ހަމަކަށަވަރުން އަހުރެން މިހުރީ ރަޙްމާންވަންތަ ރަސްކަލާނގެ ކިބައަށް ރޯދަހިފުމަށް ނަދުރު ގަނެގެންނެވެ! ވީމާ އަދު އަހުރެން، އެއްވެސް މީހަކާއި ވާހަކަދައްކައި އުޅޭކަންނެތީމެވެ.” މި އާޔަތުގައި މި ލަފްޒުގެ މުރާދަކީ ވާހަކަ ނުދައްކައި ހަނުހުރުމެވެ.
ރޯދައިގެ ޝަރުޢީ މާނަ
ޝަރީޢަތުގައި ރޯދަ އަކީ ފަޖުރުލީއްސުރެން ރޯދަހިފުމުގެ ނިޔަތުގައި، އިރުއޮއްސިއްޖައުމަށްދާންދެން އެރޯދަ ގެއްލައިފަނިވި ކަންކަމުން މަނާވެގެންހުރުމެވެ.
ރޯދަ ފަރުޟު ކުރެއްވިކަމުގެ ދަލީލު
ރަމަޟާން މަހުގެ ރޯދަ އަކީ ފަރުޟު ރޯދައެއްކަމަށް ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި އުންމަތުގެ އިޖުމާޢުގައި އައިސްފައިވެއެވެ.
(يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ) البقرة: 183
މާނައަކީ ”އޭ އީމާންވީ މީހުންނެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ރޯދަ ފަރުޟުކުރެއްވުނުފަދައިން، ތިޔަބައިމީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމައްޓަކައެވެ.”
ކީރިތި ރަސޫލާގެ ސުންނަތް
ކީރިތި ރަސޫލާގެ ވަރަށް ގިނަ ޙަދީޘްފުޅުތަކުގައި ރޯދައާ ބެހޭގޮތުން ވާރިދުވެފައިވެއެވެ. އޭގެތެރޭގައި އެންމެ މަޝްހޫރު ޙަދީޘްތަކުގެ ތެރެއިން ޙަދީޘެއް މިތަނުގައި ބަޔާންކޮށްލާނަމެވެ.
(بُنِيَ الإِسْلامُ عَلَى خَمْسٍ شَهَادَةِ أَنْ لا إِلَهَ إِلا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَإِقَامِ الصَّلاةِ وَإِيتَاءِ الزَّكَاةِ وَالْحَجِّ وَصَوْمِ رَمَضَانَ) رواه البخاري (8)، ومسلم (16).
މިބަސްފުޅުގެ މާނައަކީ: ”އިސްލާމްދީން ބިނާވެފައިވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ، ﷲގެ އެއްކައުވަންތަކަމަށް ހެކިވުމާއެކު މުޙަންމަދުގެފާނީ ﷲ ގެރަސޫލާކަމަށްހެކިވުމާއި، ނަމާދުޤާއިމުކުރުމާއި، ޒަކާތްދިނުމާއި. ގެފުޅަށް ޙައްޖުވުމާއި ރަމަޟާން މަހު ރޯދަހިފުމެވެ.
އުންމަތުގެ އިޖުމާޢު
މުހަންމަދު ނަބިއްޔާގެ ނަބަވީ ޙަޔާތުން ފެށިގެން މި އަދާހަމައަށް، ރޯދަމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމާއި، އެއީ އިސްލާމް ދީނުގެ އެއް ރުކުންކަމުގައްޔާއި، އެއަށް އިންކާރުކުރާމީހާއަކީ އިސްލާމުންގެ މިއްލަތުން ބޭރުވެފައިވާ މީހެއް ކަމަށް މިއުންމަތް އިޖުމާޢުވެފައިވެ އެވެ.
ރޯދަ ފަރުޟު ކުރެއްވުނީ ހިޖުރައިން ދެވަނައަހަރު ޝަޢްބާން މަހުގެ ދެވަނަ އަށް ވީ ހޯމަ ދުވަހު އެވެ.
ނޯޓް: މިއީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ލިޔުއްވުމެކެވެ.