Last Updated: June 5, 19:20
Friday, June 5, 2026
ދުނިޔެ

ޖުޑިޝަރީ ކޮރަޕްޓް ކަމަށް ބުނި ޓެކްސްޓް ފޮތް މަނާ!

އިންޑިއާގެ ސްކޫލްތަކުގެ ގްރޭޑް 8 ގެ ސޯޝަލް ސައިންސް ޓެކްސް ފޮތުގައި އެ ގައުމުގެ ޝަރުއީ ދާއިރާގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ބުނެފައިވާތީ އެ ފޮތް ޗާޕްކުރުމާއި ބޭނުން ކުރުން އިންޑިއާގެ ސުޕްރީމް ކޯޓުން މަނާކޮށްފި އެވެ.

ނެޝަނަލް ކައުންސިލް އޮފް އެޑިއުކޭޝަނަލް ރިސާޗް އެންޑް ޓްރެއިނިން (އެންސީއީއާރްޓީ) އިން އަލަަށް ޗާޕްކުރި ގްރޭޑް 8 ގެ ސޯޝަލް ސައިންސް ފޮތަކީ އެ ފޮތް އަލުން މުރާޖައާ ކުރުމަށް ފަހު ޗާޕްކުރި ފޮތެކެވެ. އޭގައި ދަ ރޯލް އޮފް ދަ ޖުޑިޝަރީ އިން އަވަ ސޮސައިޓީގެ ނަމުގައި ހިމަނާފައިވާ ޗެޕްޓަރުގައި އިންޑިއާގެ ޖުޑިޝަރީގައި އެކި ލެވެލްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ބުނެފައިވެ އެވެ. މީގެ އިތުރުން ކޯޓަށް ހުށަހަޅާ މައްސަލަތައް ނުނިމި ވަރަށް ބޮޑަށް ދިގުލައިގެންދާ ކަމަށާއި އެކަމާ ހެދި ބޮޑު ބެކްލޮގެއް ވެސް ކޯޓްތަކުގައި އޮންނަ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެ ފޮތް ޗާޕްކުރުމާއި ބޭނުން ކުރުން މަނާކޮށް ސުޕްރީމް ކޯޓުން މިއަދު ބުނީ ފޮތުގައި ހިމަނާފައިވާ ވާހަކަތަކުގެ ސަބަބަުން ގައުމުގެ ޝަރުއީ ދާއިރާގެ އަގު ވެއްޓި އެ ދާއިރާ އަށް އާންމުން ކުރާ އިތުބާރު ވެސް ގެެއްލިދާނެ ކަމަށެވެ. އެހެންވެ އެ ފޮތް އެއްވެސް ގޮތަކަށް ދައުރުކޮށްގެން ނުވާނެ ކަމަށް ބުންޏެވެ.

ކޯޓުން އަދި ވަނީ ފޮތުގައި ޝަރުއީ ދާއިރާގެ ހުރުމަތް ކެނޑޭ ފަދަ ވާހަކަތަކެއް ހިމެނި ސަބަބު ސާފުކޮށް ދޭން ވެސް އެޑިއުކޭޝަން ޑިޕާޓްމަންޓަށް އަންގައިފަ އެވެ.

މަތީ ކޯޓުން އެގޮތަށް އަމުރު ކުރުމާ ގުޅިގެން އެންސީއީއާރްޓީ އިން މައާފަށް އެދިފައިވެ އެވެ.