ބ. ކެންދޫގައި ފެނަކައިން ގާއިމްކުރި އައު އިންޖީނުގެ އާއި ފެނަކަ އޮފީސް އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އައު އިންޖީނުގެ އާއި އޮފީސް ހުޅުއްވައިދެއްވީ ފެނަކަގެ މެނޭޖިން ޑިރެކްޓަރު މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހެވެ.
ކެންދޫގައި އަލަށް ގާއިމްކުރި މި އިންޖީނުގޭގެ މަސައްކަތް 2021 ވަނަ އަހަރު ހަވާލުކުރީ އަމިއްލަ ފަރާތަކާއެވެ. ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކާއެކު މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު ބަހު އަލުން މަސައްކަތް ފަށައި، ނުނިމި ހުރި މަސައްކަތްކޮށް ނިންމާފައިވަނީ ފެނަކައިގެ ފަރާތުންނެވެ.
ފެނަކަ އިން މައުލޫމާތުދޭ ގޮތުގައި، އަލަށް ހުޅުވުނު އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ، ޖާގަ ތަނަވަސް އިމާރާތެކެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަަށްވެސް ފެނަކަ އިން ބުންޏެވެ.
އަލަށް ހުޅުވާ، ހިދުމަތަށް މިއަދު މި ގެނެވުނު އިންޖީނުގެއަކީ، ޖާގަ ތަނަވަސްކޮށް، ހަތަރު ބެޑާއެކު ޖުމްލަ 1200 ކިލޯވޯޓުގެ ކެޕޭސިޓީގައި ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ އިންޖީނުގެއެކެވެ. އައު އިންޖީނުގޭގައި 600ކވގެ މުޅިން އައު އިންޖީނެއް ވަނީ ބަހައްޓައިފައެވެ. މިއާއެކު އެރަށަށް ކަރަންޓު ދެވޭ ކެޕޭސިޓި އިތުރު ކުރެވިފައިވާއިރު، މި އަދަދު އިތުރު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަންމުންދާކަން ފާހަގަކޮށްލެވެ އެވެ.
މީގެ ކުރިން އެރަށުގައި ހިންގަމުން ދިޔަ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދެވޭ އެންމެ މަތީ ކެޕޭސިޓީއަކީ 380 ކިލޯވޯޓެވެ.
ފެނަކަ އިން ބުނީ، ކެންދޫގައި އަލަށް މި ހުޅުވުނު އިންޖީނުގެއާއެކު، އެރަށުގައި ފެނަކައިން ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެ، ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުރީގެ ބާ އިމާރާތް ތިރިވުމުގެ ސަބަބުން، ހޫނުމިން މަތިވެ، އިންޖީނުތަކަށް ދިމާވަމުން އައި ތަފާތު މައްސަލަތަކަށް މިހާރު ނިމުމެއް އައިސްފައިވާ ކަަމަށްވެސް ފެނަކައިން ބުންޏެވެ.