Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ރޯދަ މަހު ވެސް އެމްޑީޕީ އުޅެނީ ދޮގާއި އޮޅުވާލުމުގައި

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް - ފޮޓޯ: ޕީއެންސީ

މި ރޯދަމަހު ވެސް އެމްޑީޕީން އުޅެނީ ދޮގު ހެދުމާއި އޮޅުވާލުމުގައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ފަރާތުން މާލޭގައި މިރޭ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކުރާކަށް ސަރުކާރުން ނޫޅޭ ކަމަށާއި ކުރަން އުޅޭ ކަމަކީ އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހުރިގޮތް ބެލުން ކަމަށެވެ.

ނަމަވެސް އެމްޑީޕީން ކުޑަ ޕިކަޕެއްގައި ރޯދަ މަހު ވެސް ހެއްދެވިހާ ދޮގުތައް ހަދަމުންދާ ކަމަށާއި މި މާތް މައްސަރުގައި ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން ހުންނާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ހުރިހާ ކަމެއް ދޫކުރައްވާ، ހެއްދެވިހާ ދޮގަކާއިގެން ރައްޔިތުން ގާތަށް ގޮސް އުޅޭތަން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ހުރިހާ މަންފާއެއް ކުރަނީ ރައްޔިތުންނަށް ކަމަށެވެ. ނަމަވެސް ވާދަވެރިން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަފާގަތެއްގައި ބައިތިއްބައިގެން އަބަދުވެސް ކޮންމެވެސް ކަހަލަ ކަންތައްގަނޑެއްގެ ތެރޭގައި ރައްޔިތުން ބޭތިއްބުމުން ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ތަރައްގީ 10-15 އަހަރު ފަހަތުގައި އޮތް ސަބަބަކީ ބާރުވެރިކަމަށް އަންނަން ދައްކާ ވާހަކަތައް ބާރުވެރިކަން ލިބުމުން ނުކުރައްވާތީ ކަމަށްވެސް ޝިޔާމް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.