Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ދެ އިންތިހާބު އެއްކުރަން ދެކޮޅީ ކަޑަޖަހަން އާދަވެފައި ތިބުމުން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކުރަން އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ކަޑަޖަހަން އާދަވެފައި ތިބުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި ޕީއެންސީން މިރޭ ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ބައެއް އިސް ބޭފުޅުން މީގެކުރިން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ވާހަކަ ދެއްކި ކަމަށާއި ނަމަވެސް އެ ބޭފުޅުންގެ އެ ވިސްނުން މިހާރު ބަދަލުވި ސަބަބާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

"ވިސްނާލީމަ އަޅުގަނޑަށް ވިސްނުނީ ކުރީ ޒަމާނުގައި މި އޮންނަ ގޮތަކީ އިންތިހާބަށް ކަޑަޖެހުމުގެ އުސޫލު. އިންތިހާބު ގާތްވީމަ ރަށަށް ދާނެ ކެންޑިޑޭޓުންނާއި އެކި ބޭފުޅުން. ގޮސްފައި ކޮންމެވެސް މަޝްރޫއެއްގެ ކަޑަ ޖަހާނެ، ބިންގާ އަޅާނެ. ދެން އެ ހިސާބުން ބަހަބަރު، ނުވެސް ފެންނާނެ. އަނެއްކާވެސް އަނެއް އިންތިހާބު އަންނަނީ އަނެއްކާ ދާންވީ އެ ކަޑަ އާކުރަން. ނޫނީ އާ ކަޑައެއް ޖަހަން އެހެން ކަމެއް ކުރަން ފަށަން އެހެން ކަޑައެއް ޖަހަން،" ރައީސް ވިދާޅުވި އެވެ.

"މި އުސޫލު ކުރިއަށް ގެންދިޔުމުގެ އާދަ އަށަގަނެފައިވާ ފަރާތްތަކުން އެކަން ކުރަން ބޭނުންވާތީއޭ މި އުޅެނީ އަނެއްކާވެސް މިކަމާ ގުޅިގެން އެއްބަސް ކިޔާފައި ދެކޮޅު ހަދައިގެން"

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކަމަށާއި އެހެން އެކަން ކުރުމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. މީގެތެރެއިން އެއް ފައިދާއަކީ ރައްޔިތުން ވޯޓުލުމުގައި ބައިވެރިވާ މިންވަރު އިތުރު ވެގެންދިޔުންކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން އެންމެ ގިނަ ރައްޔިތުން ވޯޓުލާ ރިޔާސީ އިންތިހާބު އޮންނަ ދުވަހު މަޖިލިސް އިންތިހާބުގައި ވެސް ވޯޓުލެވޭނެ ގޮތް ހަދާފިއްޔާ، ވަރަށް ގިނަ ރައްޔިތުން، އެ ދުވަހު ނުކުމެ، އެ ރައްޔިތުންގެ މެންބަރުން ވެސް ހޮވުމަށް ވޯޓުދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ، ޑިމޮކްރަސީގެ ހަމަތަކުން ބަލާއިރުގަވެސް މި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ، ދެ އިންތިހާބު އެއް ދުވަހަކު ބޭއްވުން" ރައީސް ވިދާޅުވި އެވެ.