ސަރުކާރާ ދެކޮޅު ވިސްނުމުގެ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭތީ 57 ރަށެއްގައި ޕްރޮޖެކްޓް ނުފެށި އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންސީން މިރޭ ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ތެރެއިން ދިމާވާ ދަތިތައް ނައްތާލުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތްތައް ފެށިފައިވާއިރު، ބައެއް ރަށްތަކުގައި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭތީ ޕްރޮޖެކްޓުތައް ކުރިއަށް ނުގޮސް އެބަހުރި ކަަމަށެވެ.
"މިއަދު އަޅުގަނޑު ހިސާބުތައް ބަލާލިއިރު، 57 ރަށެއްގައި އަޅުގަނޑުމެން ފެށި މަސައްކަތްތައް ނުފެށިފައި އެބަހުރި ކައުންސިލްތަކުން، އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،" ރައީސް ވިދާޅުވި އެވެ.
"ބިން ހަވާލުކުނުކުރީމަ މި 57 މަޝްރޫއު ނުފެށި މި އޮތީ ކައުންސިލްގެ އެއްބާރުލުން ނުލިބިގެން،"
ރައީސް ވިދާޅުވީ މިއީ މިއީ އެންމެ މިސާލެއް ކަމަށާއި ކައުންސިލްތަކުން ހުރަސް އެޅުމުގެ ސަބަބުން ރައްޔިތުންނަށް ވީ ވައުދުތައް ބާރު ސްޕީޑުގައި ގެންދިއުމުގައި ހުރަސް އެޅިފައި އެތައް ކަމެއް އެބަހުރި ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ އިހުލާސްތެރިކަމާ އެކު ކަމަށާއި އަދި އެ މަސައްކަތްތައް ބާރު ސްޕީޑުގައި ގެންދަން ޕީއެންސީގެ ކެންޑިޑޭޓުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވައިދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ކައުންސިލް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވަރަށް ފޯރީގައި ކެމްޕޭން ކުރަމުން އަންނަ އިރު، އެ އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.