Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އެމްޑީޕީގެ ފަލްސަފާއަކީ ވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުން

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު - ފޮޓޯ: ޕީއެންސީ

އެމްޑީޕީގެ ފަލްސަފާ އަކީ ވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި ޕީއެންސީން ރޭ ބޭއްވި ތަރާވީހެއްގައި ވާހަކަދައްކަމުން ތޯރިގު ވިދާޅުވީ މިކަމުގައި އެމްޑީޕީން ކުރިން ގެންގުޅުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވި ފަލްސަފާއެއް ކަމަށާއި އެއީ އަބަދުވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ފަލްސަފާއެއް ކަމަށެވެ. ނަމަވެސް ޕީއެންސީގެ ފަރާތުން އެ ވާހަކަ ދެއްކުމުން އެމްޑީޕީއަށް ކަމުދާ ވާހަކައަކަށް ނުވި ކަމަށް ތޯރިގު ވިދާޅުވި އެވެ.

"ހަމައެކަނި ތަފާތަކީ ޕީއެންސީން އެ ވާހަކައެއް ދައްކާތީ، އެއާ އިދިކޮޅުވުމުގެ ބޭނުން. އެހެން އެއްވެސް ސަބަބެއް ނެތް. ހަގީގަތަކީ އެމްޑީޕީގެ ފަލްސަފާ އަކީ ދެ އިންތިހާބު އެއްކޮށް ބޭއްވުން. މިހާރު އަޅުގަނޑުމެން ބުނީތީވެ އަނެއްކޮޅަށް ޖަހައިގަތީ،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވަނީ ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށާއި، މި ގައުމީ މައްސަލައިގައި އެމްޑީޕީން ވެސް އެ ޕާޓީގެ އަސްލު ސިޔާސަތަށް ރުޖޫއަވެ ޕީއެންސީއާއެކު ބައިވެރިވުމަށް ގޮވާލާފަ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

ދެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލުކުރަން ކޯޓަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީން ވަނީ ނިންމައިފަ އެވެ. އަދި އެކަމާ ދެކޮޅަށް އަންނަ މަހުގެ 21 ގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.