މާލޭގައި ދާދިފަހުން ހިނގި އެކްސިޑެންޓްގައި 16 އަހަރުގެ ކުއްޖަކު މަރުވި މައްސަލައާ ގުޅިގެން ހައްޔަރުކުރި، ސައިކަލު ދުއްވި ދުއްވި ޒުވާނާ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި އެވެ.
މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގު ބްރިޖު ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ދުވާރު މައްޗަށް އަރައިގެންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސައިކަލް ދުއްވަން އިން ރ. އިނގުރައިދުއަށް ނިސްބަތްވާ 19 އަހަރުގެ މުހައްމަދު އާދިން އާރިފް އެވެ. ފުލުހުން ކުރިން ބުނިގޮތުގައި އޭނާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ވެސް ނެތް މީހެކެވެ.
ކޯޓުގައި ވާހަކަދައްކަމުން އާދިން ބުނީ އެ އެކްސިޑެންޓަކީ ގަސްދުގައި ހިނގި ކަމެއް ނޫން ކަމަށާއި ދެ ރައްޓެހިން ސައިކަލުގައި ދަނިކޮށް މި ހާދިސާ ހިނގީ ކަމަށެވެ. އަދި މިކަން ހިނގީތީ ހިތާމަކުރާ ކަމަށާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ހަރުކަށި ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް އެދޭ ކަމަށްވެސް ބުނެފައިވެ އެވެ.
އެ ގޮތަށް އެދުމުން ފުލުހުން ކޯޓުގައި ބުނީ ފުލުހުންނަށް އެއްބާރުލުން ދޭނަމަ އިއުތިރާޒެއް ނެތް ކަމަށެވެ. އަދި ޝަރުތު ކުރެވިފައިވާ މުއްދަތުގައި ޝަރުތަކާ ހިލާފުވެއްޖެނަމަ އަލުން ބަންދުކުރުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ވަނީ އަންގާފަ އެވެ.