Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ރޯދަ މަހަކީ ނިދުމުގެ މައްސަރެއް ނޫން، އަޅުކަމުގައި ހީވާގިވޭ

ރޯދަ މަހަކީ ނިދުމުގެ މައްސަރެއް ނޫން ކަމަށާއި އަޅުކަމުގައި ހީވާގިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ޚުތުބާ ދީފައި ވަނީ، 'ނަސްރާއި ކާމިޔާބުގެ މައްސަރު' ކަމަށްވާ ރޯދަ މަހުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، ރޯދަ މަހަކީ އިންސާނާގެ ހަށިގަނޑުން ކުރެވޭ ޖިހާދުގެ އިތުރަށް އޭނާގެ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރު ކަމަށާއި އެގޮތުން މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން، ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅާ ކަމަށެވެ.

"ރޯދަވެރިޔާ އޭނާގެ ކުރިމަތީގައި މާތް ﷲ އޭނާއަށް ހަލާލުކުރައްވައިފައިވާ ކާތަކެއްޗާއި، ކަރުހިއްކުންފިލުވައިދެނިވި ފެން ލިބެން ހުންނަ ހާލުވެސް، އެކަލާނގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެ ތަކެއްޗާ ދުރުހެލިވަނީ އޭނާގެ ނަފުސު އެ ކަމަށް އެދި ގޮވާހާލުގައެވެ." ހުތުބާގައި ބުނެފައިވެ އެވެ.

ޚުތުބާގައި ބުނީ، ރޯދަމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށާއި އެއީ، އަޅުކަމުގައި ހީވާގިވެ، ކުރިއަށްދާންވީ މަހެއް ކަމަށެވެ. އެގޮތުން ފަހުގައި ދިހައެއްގައި އަޅުކަމުގައި އިތުރަށް އުޅުމަށް ވެސް ގޮވާލާފައިވެ އެވެ.

"ރަމަޟާން މަހަކީ، ކަންނެތްކަން އިހުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރު. ހާއްސަކޮށް އެ މަހުގެ ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތައް. ރޯދަމަހުގެ ކާމިޔާބީ ހޯދާން ބޭނުން މީހާ ލައިލަތުލްޤަދުރި ހޯދާން ގަދައަޅައި މަސައްކަތްކުރާށެވެ! އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ، ހުރިހައި ހެޔޮކަމަކުން މަހުރޫމުވެއްޖެ،". ހުތުބާގައި ބުނެފައިވެ އެވެ.

ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުންކަން ފާހަގަކޮށް ހުތުބާގައި ވަނީ މުސްލިމު މުޖުތަމައުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެކަން ވެސް ފާހަގަކޮށްފަ އެވެ.