ވިޔަފާރިވެރިޔާ އަދި އދ. މާމިނގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ ޚަރަދުގައި މާމިނގިލީގައި ބިނާކުރި މިސްކިތް 'މަސްޖިދު އިބްރާހިމް' މިއަދު ހުކުރު ނަމާދަށް ހުޅުވައިފި އެވެ.
މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގާސިމް އެވެ.
މި މިސްކިތް ހުޅުވައިދެއްވާ، މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ މިނިސްޓަރު ޝަހީމް އެވެ.
މިއީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ 800 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މީގެ އިތުރުން މިސްކިތުގައި އޭސީގެ ނިޒާމު ޤާއިމްކޮށްފައިވެ އެވެ.
ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ޢިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރަމަޟާން މަހަށް 15 މިސްކިތެއް ވަނީ ހުޅުވާފަ އެވެ.