ބ. ދަރަވަންދޫގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރަވަންދޫގެ ބިން ހިއްކަން ސަރުކާރުން ނިންމާފައިވާ ކަމަށްބުނެ ފަތުރަަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
މުދަރަވަންދޫ ފަޅުން ބައެއް ހިއްކުމުގެ ޕްލޭނެއްގެ މަސައްކަތް މިދިޔަ ސަރުކާރުން ކުރި ކަމަށާއި ނަމަވެސް އެ ރަށު ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް ކުރިއަށްގެންދަން ނިންމާފައިނުވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އަމީން ވިދާޅުވީ ސަރުކާރުން ދަނީ ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އެ މަސައްކަތުގެ ތެރޭގައި ހިމެނެނީ އެއާޕޯޓުގެ ވަސީލަތްތައް ރަނގަޅު ކުރުމާއި، ހިދުމަތް ރަނގަޅު ކުރުމުގެ އިތުރުން އެއާޕޯޓް ޒަމާނީ ކުރުން ކަމަށް އަމީން ވިދާޅުވި އެވެ.