Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ސަރުކާރުގެ ވިޔާނުދާ ކަންކަން ހުއްޓުވަން އެންމެންނާ ގުޅެން ބޭނުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީއެންއެފް

މި ސަރުކާރުން ކުރަމުންދާ ވިޔާނުދާ ކަންކަން ހުއްޓުވަން ހުރިހާ އެންމެންނާ ގުޅެން ބޭނުންވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އަމިއްލަގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދުގެ ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ހުރިހާ އެންމެންނާ ގުޅިގެން ވެސް މި ސަރުކާރުން ކުރަމުންދާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން ބޭނުންވާ ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ފިކުރުގެ ގޮތުން ގަބޫލުކުރާ ކަންކަން ހުރުމުން ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު ދެ ޝައިތާނުން ވެސް އެއްގަލަކަށް އަރާނެ ދެއްތޯ އެއަށް ވުރެ ބޮޑު ޝައިތާނެއް ދުއްވާލަން ވެއްޖެއްޔާ. އެ ބީދައިން އަޅުގަނޑުމެން އެކަން ކުރަން އެބަޖެހޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމުގައި ހިނގާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް އެތައް ބައިވަރު އުނދަގޫތަކަކާއި ގިލަންވެރިކަމެއް އުފުލަންޖެހޭ ދުވަސްތަކެކެވެ. އަދި ރާއްޖެ އިޞްލާޙުކޮށް، ތަރައްޤީގެ މަގުގައި ކުރިއަށްދާން ބޭނުންވާނަމަ، އަދި ހިދުމަތް ދިނުމުގައި އިންސާފާއި ހަމަހަމަކަން ޤާއިމުކުރަން ބޭނުންވާނަމަ، އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމު އެންމެ ކުރީގައި ތިބޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން މާލޭގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި މިހާރުގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި، އެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދެއްވާނެ ބޭފުޅަކީ ޒަރިޔަންދު ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.