Last Updated: June 5, 19:20
Friday, June 5, 2026
މުނިފޫހިފިލުވުން

ކަބީރްގެ އާ ފިލްމުގައި ކާތިކަކީ ކިކްބޮކްސިން ކޯޗެއް

ޑައިރެކްޓަރު ކަބީރް ޚާނާ އެކު ކާތިކް އާރިއަން މަސައްކަތް ކުރާ ދެވަނަ ފިލްމުގައި އޭނަ ފެންނާނީ ކިކްބޮކްސިން ކޯޗެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ވެސް ކަޝްމީރުގެ ޕަހަލްގާމްގައި މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ކާތިކް މަސައްކަތް ކުރަމުން އަންނަ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ކްރީޗާ-ކޮމެޑީ "ނާގްޒިއްލާ" ގެ ދެވަނަ ޝޫޓިން ޝެޑިއުލް ނިންމައިލުމަށް ފަހު، ކަބީރްގެ ފިލްމުގެ ދެވަނަ ޝެޑިއުލް އަށް ކާތިކް ނުކުންނާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މި ފިލްމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް ކަބީރް އަދި މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނަގެ އާ ފިލްމު ހަދާނީ ކާތިކާ އެކު ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެ ދެ މީހުން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމަކީ 2024 ގެ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާ "ޗަންދޫ ޗެމްޕިއަން" އެވެ. އޭގައި ކާތިކް ކުޅުނީ އިންޑިއާގެ ކުރީގެ ޕެރަލިމްޕިކް އެތުލީޓެއްގެ ރޯލެވެ. "ޗަންދޫ ޗެމްޕިއަން" އަކީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމަކަށް ނުވިޔަސް، އެ ފިލްމުގައި އޭނަ ދެއްކި އެކްޓިން އަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.

އަދި އެ ފިލްމުން އެންމެ މޮޅު އެކްޓަރުގެ ފިލްމުފެއާ އެވޯޑާއި ޒީސިނެ އެވޯޑްސް ވެސް ކާތިކަށް ލިބުނެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ ދަރުމާ އިން މިދިޔަ ޑިސެންބަރުގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ.

ކަބީރަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ގެނެސްދިން ޑައިރެކްޓަރެވެ.