Last Updated: June 5, 19:20
Friday, June 5, 2026
ދުނިޔެ

އަސްކަރީ ކާގޯ ބޯޓެއް ވެއްޓި 15 މީހަކު މަރުވެއްޖެ

ގިނަ އަދަދެއްގެ ފައިސާ ނޫޓް ބަރުކޮށްފައި އޮތް ބޮލީވިއާ އަސްކަރީ ކާގޯ ބޯޓެއް ރަންވޭ މަތިން ކަހާލައިގެން ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި 15 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ރޭ އިރާކޮޅު އަލް އަލްޓޯ އެެއާޕޯޓްގައި އެ ހާދިސާ ހިނގީ ސީ-130 ހާކިއުލެސް މަރުކާގެ ބޯޓް ސަންޓާ ކްރޫޒުން ފުރައިގެން ގޮސް އަލް އާލްޓޯ އެއާޕޯޓް ލޭންޑް ކުރުމުގެ ތެރޭގައި ރަންވޭ މަތިން ކަހާލައިގެން ކަމަށެވެ. އަދި ބޯޓް، އެއާޕޯޓްއި ހުރި ވެހިކަލްތަކެއްގައި ވެސް ޖެހިފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން 20 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން އަންނަ އިރު، އެއާޕޯޓް ވަނީ ވަގުތީ ގޮތުން ބަންދު ވެސް ކޮށްފަ އެވެ.

މީޑިއާތަކުން ބުނީ ރަންވޭ މަތިން ކަހާލައި ވެއްޓުނު ބޯޓަކީ ބޮލީވިއާގެ މަރުކަޒީ ބޭންކްގެ ގިނަ އަދަދެއްގެ ފައިސާގެ ނޫޓް ބަރުކޮށްފައި އޮތް އެއްޗެއް ކަމަށެވެ. އަދި ބޯޓް ވެއްޓި އެ ފައިސާތައް އެެއާޕޯޓް ސަރަހައްދަށް ވިއްސި ވިހާލިވުމުން މީހުން އެ ފައިސާ ހޮވަން މަސައްކަތް ކުރުމުން އެއާޕޯޓްގެ ފުލުހުން ކަރުނަ ގޭސް ޖަހާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ބޮލީވިއާގެ ޑިފެންސް މިނިސްޓަރު މާސެލޯ ސަލިނާސް ވިދާޅުވީ ނުރައްކާތެރި ހިތާމަވެރި ހާދިސާއެއް ހިނގި ވަގުތެއްގައި ވެސް ބަޔަކު މީހުންގެ އަމިއްލަ އެދުމާއި ދަހިވެތިކަން ފެނުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެ ފައިސާ އަކީ ސީރިއަލް ނަމްބަރެއް ވެސް ނެތް، މަރުކަޒީ ބޭންކުން އިޝޫ ވެސް ނުކުރާ ނޫޓްތަކަކަށްވާތި އެ ހޮވި މީހުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

ބޮލީވިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ބޯޓް ވެއްޓުނު ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.