Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މެލޭޝިއާގައި ޓީބީ ފެތުރޭތީ ރާއްޖޭގައި އެސެސްމަންޓެއް

މެލޭޝިއާގައި މިހާރު ބާރަށް ޓީބީ ފެތުރެމުންދާތީ، ރާއްޖޭގައި ރިސްކް އެސެސްމަންޓު ހަދަން ފަށައިފި އެވެ.

މެލޭޝިއާ އަކީ ގިނަ އަދަދަކަށް ދިވެހިން ދަތުރުކޮށް އުޅޭ، އަދި ވަރަށް ގިނަ ބަޔަކު އެކި ބޭނުންތަކުގައި ދިރިއުޅެމުން ވެސް އަންނަ ގައުމެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މެލޭޝިއާގައި ޓީބީ އިތުރުވަމުން އަންނާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓް ހަދަމުން އަންނަ ކަމަށާއި އެ ނިމުމުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީން މިދިޔަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ ހަ ހަފުތާގެ ތެރޭގައި އެ ގައުމުން 3،100 އަށް ވުރެ ޓީބީގެ ކޭސްތައް ރިޕޯޓްކޮށްފައިިވެ އެވެ. އަދި އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ ސަބާއިންނެވެ. އެއީ 755 ކޭހެވެ. މީގެ އިތުރުން ސެލަންގޯ އިން 596، ސަރަވަކް އިން 332، ޖޮހޯރް އިން 280، ކުއަލަ ލަމްޕޫރާއި ޕުޓްރަޖާޔާ އިން 244 ކޭސް ކޭސް ފެނިފައިވެ އެވެ.

އިތުރަށް ކިޔާލަން:

ޓީބީ އަކީ މައިކޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި އެންމެ އާންމުކޮށް ޖެހެނީ ފުއްޕާމެއަށެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ބަލި ޖެހެއެވެ.

ޓީބީ ބަލި ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހި، ކުޅުން ޖަރާސީމު ފެންނަ ބަލިމީހުންގެ ފަރާތުންނެވެ. ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން ޓީބީގެ ޖަރާސީމު ކުޅުން ފެންނަ މީހަކު ކެއްސައި ކިނބިހި އަޅައި ނުވަތަ ކުޅުޖެމުން، ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމުތައް އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލުވުމުންނެވެ.

ޓީބީ އަށް ދެވޭ ފަރުވާއަކީ މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަށް ދެވޭ ފަރުވާއެކެވެ. ފުރިހަމައަށް ފަރުވާ ކުރެވިއްޖެނަމަ، މި ބައްޔަކީ ފަސޭހަކުރެވޭ ބައްޔެކެވެ. ބަލީގެ ފަރުވާ ފުރިހަމަ ނުކުރެއްވިޖެ ނަމަ ބަލީގެ ނުރައްކާ ބޮޑުވެ ބޭހަށް ނުގުޑާ ޓީބީ ޖެހުމުގެ ފުރުސަތު އޮވެ އެވެ. މި ބަލީގެ ފަރުވާއަކީ ޞިއްޙީ މަސައްކަތްތެރިއެއްގެ ސީދާ ބެލުމުގެ ދަށުން ދެވޭ ފަރުވާއެކެވެ. ރާއްޖޭގައި ވެސް 1994 އިން ފެށިގެން ޓީބީ އަށް ފަރުވާދެމުން ގެންދަނީ ޑައިރެކްޓްލީ އޮބްޒަރވްޑް ޓްރީޓްމްންޓް (DO) އުސޫލުންނެވެ.

ރާއްޖެ އިން ޓީބީ ނައްތާލުމުގެ މަސައްކަތްތައް ކުރުމަށް އަމާޒުކޮށްގެން 2018 ވަނަ އަހަރު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައި، މަސައްކަތަށް ބޭނުންވާ ފަންނީ ގައިޑްލައިންތައް ވަނީ ތައްޔާރުކޮށްފައިވެ އެވެ.

ޓީބީގެ އަލާމަތްތައް:

• ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވުން
• ވަރުދެރަވުން
• ހީކެރުވުން އަދި އާދަޔާ ހިލާފަށް ދާހިއްލުން
• ހުންއައުން
• މޭގައި ރިއްސުން އަދި ކެއްސާފައި އަންނަ ދަވާގައި ލޭހުރުން
• ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސްވަންދެން ކެއްސުން

ޓީބީ ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ކޮން ބަޔަކަށް؟

• ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަމުން އަންނަ ފަރާތްތައް އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން (ހަކުރުބަލި/ކެންސަރު ބަލި/ ހަށިގަނޑުގެ ގުނަވަނެއް ބަދަލު ކޮށްފައިވާ މީހުން/ އެއިޑްސް ބަލީގެ މީހުން)
• ބީސީޖީ ވެކްސިން ފުރިހަމަ ނުވާ 5 އަހަރުން ދަށުގެ ކުދިން
• ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން
• އުމުރުން ދުވަސްވީ މީހުން

ބަލިން ރައްކާތެރިވުން:

• ޓީބީ ޖަރާސީމު ހުރިކަން ނުވަތަ ނޫންކަން ޔަގީން ކުރުމަށް ޓީބީއަށް ޓެސްޓްކޮށް އަވަހަށް ފަރުވާ ހޯދުން
• ކެއްސާ، ކިނބިހި އަޅާ އިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުން
• ތަންތަނަށް ކުޅު ނުޖެހުން (ވަކި ހާއްސަ އެއްޗަކަށް ނުވަތަ ޓިޝޫ ފަދަ އެއްޗަކަށް ކުޅު ޖަހާ ރައްކާތެރި ގޮތުގައި ނައްތާލުން)
• ބަލި ޖެހިފައިވާ މީހަކު ދިރިއުޅޭނަމަ ގޭގައި ރަނގަޅަށް ވައި ދައުރުވާހެން ބެހެއްޓުން