Last Updated: June 5, 19:20
Friday, June 5, 2026
މުނިފޫހިފިލުވުން

ވިޖޭ ގާތުން ވަރިވާން އަންހެނުން ކޯޓަށް

އިންޑިއާގެ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ގާތުން ވަރިވާން އޭނަގެ އަންހެނުން ސަންގީތާ ކޯޓަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނީ ބޭވަފާވެރިވެފައިވާތީ ފިރިމީހާ ގާތުން ވަރިވާން ސަންގީތާ ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް އަންނަ އެޕްރީލް މަހުގެ 20 އަށް ކޯޓަށް ހާޒިރުވާން ވިޖޭ އަށް ނޯޓިސް ވެސް ފޮނުވާފައިވާ ކަމަށެވެ.

ސަންގީތާއާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ކައިވެނި ރޫޅައިލަން އޭނަ ނިންމީ ވިޖޭ ބަތަލާއަކާ އެކު ސިއްރު ގުޅުމެއް ބާއްވާކަން ފަޅާއެރުމުން ކަމަށާއި އެކަން އެންމެ ފުރަތަމަ އެނގުނީ 2021 ގެ ތެރޭގައި ކަމަށެވެ.

ތަމަޅަ ސިނަމާގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޖޭ، 51، އާއި ސަންގީތާ، 53، ކައިވެނިކުރީ 1999 ގަ އެވެ. ހަތާވީސް އަހަރު ފަހުން އެ ކައިވެނި ރޫޅުމުގެ ތުންފަތަމީގައި އޮތް އިރު، އެ މީހުންނަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ. އެއީ ސަންޖޭ ޖޭސަން، 25، އާއި ދިވްޔާ، 19، އެވެ.

ވިޖޭ ގާތުން އަންހެނުން ވަރިވާން ނިންމި އޭނަ ވަނީ 2024 ގައި ސިޔާސީ ޕާޓީއެެއް ވެސް އުފައްދައި އެ ދާއިރާ އަށް ވެސް ނުކުމެފަ އެވެ. އޭނަގެ ޕާޓީގެ ނަމަކީ ތަމަލިގަ ވެއްޓްރީ ކަޒަގަމް (ޓީވީކޭ) އެވެ.

ވިޖޭގެ ކުރިއަށް އޮތް ފިލްމަކީ އޭނަގެ ކެރިއަރުގެ އެންމެ ފަހު ފިލްމު ކަމަށްވާ ޕޮލިޓިކަލް އެކްޝަން ތުރިލާ 'ޖާނާ ނަގަޔަން' އެވެ.