އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ޕޮލެންޑްގައި ސޯޝަލް މީޑިއާ މަނާކުރަން ނިންމައި އެކަމާ ގުޅޭ ބިލެއް ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ބާބަރާ ނޮވެކާ ވިދާޅުވީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެންދާ ކަމަށެވެ. އެގޮތުން ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުދިންނަށް އެކި ގޮތްގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ
މީގެ ސަބަބުން ކުދިންގެ ތޫނުފިލި ކަމަށް ވެސް ވަރަށް ބޮޑު އަސަރެއް އެބަކުރޭ. އޭނަ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަމާޒަކީ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލު ގާނޫނަކަށްވެ، 2027 ގެ ކުރީކޮޅު 15 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށް އެކަން ތަންފީޒު ކުރަން ފެށުމެވެ.

ވަރަށް ގިނަ ގައުމުތަކަކުން މިހާރު މިފަދަ ފިޔަވަޅުތަކެއް އަޅަން ވިސްނަމުން އަންނަ އިރު، މިދިޔަ އަހަރުގެ ޑިސެންބަރު 10 އިން ފެށިގެން އޮސްޓްރޭލިއާގައ ވަނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ.
ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން މަސައްކަތް ކުރަން ނިންމާފައޮވާ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތަށް، ސްޕެއިން، ފްރާންސް އަދި ޑެންމާކް ހިމެނެ އެވެ. އޭޝިއާގެ ގައުމުތަކަށް ބަލާ އިރު އިންޑިއާގައި ވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުން ގޮވައިލާ އަޑުތައް އަންނަނީ އިތުރުވަމުންނެވެ.
ދާދި ފަހުން ވަނީ ރާއްޖޭގައި ވެސް ވަނީ 16 އަހަދުން ދަށުގެ ކުދިންނަށް ސޯޝަލް މިޑިއާ މަނާކޮށް ދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.