Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ލިންކް ރޯޑް ހަލާކުވުމުގެ ޒިންމާ އަޅުވަނީ މި ސަރުކާރުގައި

އައްޑޫ ލިންކް ރޯޑް ހަލާކުވެ، އެ މަގު ބޭނުން ކުރަން ދަތިވާ ވަރަށް ވަޅުގަނޑުތައް ހެދިފައި އޮތުމުގެ ޒިންމާ މި ސަރުކާރަށް ނަގަން ޖެހިފައިވާ ކަމަށް ވިދާޅުވެ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އެމްޑީޕީގެ މިދިޔަ ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ރޭ ހިތަދޫގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި އޭނަ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ވެސް އައްޑޫ ލިންކް ރޯޑް އޮތީ ހަލާކުވެފައި ކަމަށެވެ. އެކަމަކު އެކަމުގެ ނަގަން ޖެހިފައި ވަނީ ދެ އަހަރެއްހާ ދުވަސްވީ ސަރުކާރަށް ކަމަށް ވިދާޅުވި އެވެ.

"މިއީ އާދައިގެ ސިކުނޑިއަލުން އަޅުގަނުމެން ވިސްނާލިޔަސް އެއި ރަނގަޅު ވިސްނުމެއް ނޫންކަން." ނިޒާރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ލިންކް ރޯޑް ހެދިތާ 26 ވަރަކަށް އަހަރުވި، މި ފާއިތުވެ ދިޔަ ވެރިކަންތަކުގައި އެ މަގު ސަރުކާރުތަކުން މަރާމާތުކުރި ނަމަ މިހާރު އެ އޮތް ހާލަތުގައި އެ މަގު ނޯންނާނެ ކަމަށެވެ.

ނިޒާރު ވިދާޅުވީން އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިންމައިލި އިރު ވެސް، މިއިން ކަމެއް ނުކުުރެވި، އެ ޕާޓީ އޮތީ ފެއިލްވެފައިވާ ކަމަށެވެ. ފެއިލްވިކަން ސާބިތުސާ ސަބަބަކީ 2023 ގެ އިންތިހާބާއި 2023 ގެ މަޖިލިސް އިންތިހާބު ވެސް އެ ޕާޓީ އަށް ގެއްލުން ކަމަށެވެ. އަދި އެގޮތަށް އެ ޕާޓީ ފެއިލްވީ އައްޑޫ ލިންކް ރޯޑްގެ ހާލަތު ރަނގަޅުކޮށް ނުދެވުމާއި އައްޑޫގެ ކަރަންޓް އަޕްގްރޭޑް ނުކޮށްދެވުމާއި ފެނުގެ މައްސަލަ ހައްލުކޮށް ނުދެވުން ފަދަ ކަންކަމާ ހެދި ކަމަށެވެ.

އެހެންވެ މިހާރު އައްޑޫގެ ގިނަ ރައްޔިތުން ބޭނުން ވަނީ ސަރުކާރާއި މަޖިލީހާ ގުޅިގެން އައްޑޫގެ ތަރައްގީ އަށް މަސައްކަތް ކުރާނެ ކައުންސިލެއް ހޯދުން ކަމަށް ނިޒާރު ވިދާޅުވި އެވެ. އެހެންވެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރަށް ކާމިޔާބުކޮށްދީ ނަމަ މުޅި ރާއްޖޭގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

"އެކަން އެގޮތަށް ނުވެއްޖެ ނަމަ އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ." ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ލިންކް ރޯޑް ތަރައްގީ ކުރަން މި ސަރުކާރުން މިހާރު އޮތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަ އެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 8 ގަ އެވެ. އަދި އެ މަޝްރޫއު އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.

އާރްޑީސީން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށް ދަނީ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތެވެ.

އައްޑޫ ލިންކް ރޯޑް މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ 2028 ގެ ކުރިން ނިންމާ ގޮތަށެވެ.