Last Updated: June 7, 18:41
Sunday, June 7, 2026
ދުނިޔެ

އެމެރިކާ އާއި އިޒްރޭލުގެ ހުރިހާ ތަނަކަށް ހަމަލާ ދޭނަން

މެދުއިރުމަތީގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ ހުރިހާ ތަނަކަށް ހަމަލާދޭނެ ކަމަށް އިރާނުން ބުނެފި އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން މިއަދު ވަނީ ފަށައިފަ އެވެ. މި ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.

އިރާން ސަރުކާރުގެ އޮފިޝަލަކު "އަލްޖަޒީރާ" އާއި ވާހަކަދައްކަމުން ވިދާޅުވީ މެދުއިރުމަތީގައިވާ އެމެރިކާ އާއި އިޒްރޭލުގެ ހުރިހާ ތަނަކީ ހަމަލާތަކުގެ އަމާޒުތަކެއް ކަމަށާއި އެގައުމުން ހަމަލާދޭނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން މިފަހަރު ދޭން ފެށި ހަމަލާތަކާއެކު "ރަތް ރޮނގެއް" ދެން ނޯންނާނެ ކަމަށާއި ކޮންމެ ފަދަ ކަމެއް ހިނގުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެއިތުރުން އޮފިޝަލް ވަނީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިރާނަށް ހަމަލާތައް ދޭން ފެށުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށާއި އަދި މި ހަމަލާތަކަށް ފަހު އިރާނުން އަމާންދޭނެ ކަމަށް ގަބޫލުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.