އެމެރިކާއިން އިޒްރޭލް ގުޅިގެން އިރާނަށް މިއަދު ދޭން ފެށި ހަމަލާތަކާ ގުޅިގެން، ރައްދުގައި މެދިއިރުމަތީގެ އެކި ގައުމުތަކަށް އިރާނުން ހަމަލާތައް ދެމުންދާތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސްކޮށްފި އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން މިއަދު ވަނީ ފަށައިފަ އެވެ. މި ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.
އެގޮތުން ޔޫއޭއީގެ އަބޫ ދާބީ އަދި ދުބާއީން ގޮވުމުގެ ރިޕޯޓުތަކެއް ކޮށްފައިވާއިރު، ރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ވެސް ވަނީ އަނބުރާ ރާއްޖެއަށް ދަތުރު ފަށައިފި އެވެ.
ޔޫއޭއީގައި ދިރިއުޅޭ ދިވެހިން ތިބޭ ވަޓްސްއެޕް ގްރޫޕަށް، އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މުޅި ސަރަހައްދުން ވައިގެ މަގުން ބޮމުގެ ހަމަލާތަކުގެ ރިޕޯޓް ލިބެމުންދާ ކަމަށެވެ. އެހެންވެ ކޮންމެހެން ކުރަން ޖެހޭ ދަތުރެއްގައި ނޫނީ ދަތުރުނުކުރުމަށާއި ބޭރުގައި ނޫޅުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އަދި އެއްވެސް ކަމެއް އުޅޭނަމަ ވަގުތުން ގުޅުމަށާއި އެންމެން ވެސް ރައްކާތެރިކަމާއެކު ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.